ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ބިލެތްފަހި ސްކޫލްގެ ލައިބްރަރީ ތަރައްގީކޮށްފި އެވެ.

މި މަޝްރޫއު ހިންގާފައިވަނީ އެ ސްކޫލްގެ ޓީޗަރެއް ކަމަށްވާ އިސްމާއިލް ޝަރީފް އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެ ޕްރޮޖެކްޓް ދަށުން ލައިބްރައީއަށް އަލަށް 700 އެއްހާ ފޮތް އިތުރުކޮށް ފޮތްހަރުގަނޑު ހިމަނައި، ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ހޯދާދީފައިވާ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ ލައިބްރަރީއަށް އިނގިރޭސި އަދި ދިވެހި ފޮތް އިތުރުކޮށް ކުދިންނަށް ފޮތް ކިޔުމަށް އެކަށޭނެ މާހައުލެއް ގާއިމްކުރުމުން ސަބަބުން ސްކޫލްގެ ރީޑިން ޕްރޮގްރާމަށް ވެސް އިތުރު ފުރިހަމަކަމެއް ލިބިފައިވާ ކަމަށެވެ.

"ލައިބްރަރީއަށް މި ގެނެވުނު ބަދަލާއެކު ފޮތްކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް މިވަނީ ގާއިމްވެފައި. މި ފުރުސަތުގައި ބިލެތްފަހި ކައުންސިލަށާއި، ޓީޗަރުންނަށް، ލައިބްރޭރިއަންގެ އިތުރުން އެކި ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. އެ ބޭންކުން މިހާރު ވެސް އަންނަނީ މިއަހަރުގެ ދެވަނަ ކުއާޓަރަށް ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.