ސްޓެލްކޯގެ މިސްރާބު ކަސްޓަމަރުންގެ މަސްލަހަތު އިސްކުރާ ކުންފުންޏަކާ ދިމާލަށް ބަދަލުކުރަންޖެހޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ކަރަންޓު ކުންފުނީގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ކޭކުފެޅުމުގެ ހަފުލާގައި މުވައްޒަފުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ މިއަދަކީ ސްޓެލްކޯ ނޫކަށި ޒުވާނަކަށްވެ, ރައްޔިތުންނަށް ދޭ ހިދުމަތް އެ ހިތްވަރާއެކު ދޭން ފަށާ ދުވަސް ކަމަށެވެ. އަދި ސްޓެލްކޯ މިހާރު އޮތް ފެންވަރަށް ގެނެސްދިނުމުގައި ވޭތުވެދިޔަ 25 އަހަރު އެ ކުންފުންޏަށް ހިދުމަތްކޮށްދިން ބޭފުޅުންގެ ނަންތަކާއި ހިދުމަތް ފާހަގަކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ މިއަދުން ފެށިގެން ސްޓެލްކޯގެ މުވައްޒަފުން, ކުންފުނީގެ ނަމުގެ ގޮތުގައި ބޭނުން ކުރާނީ "އަޅުގަނޑުމެންގެ ކުންފުނި" ޝިއާރު ކަމަށާއި އެކަމުން ވަރަށް ބޮޑު ބަދަލެއް ކުންފުންޏަށް އަންނާނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ސްޓެލްކޯގެ މިސްރާބު ވެސް ބަދަލުކޮށް, ކަސްޓަމާ އޮރިއެންޓެޑް ކުންފުންޏަކަށް ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަސްޓަމާ އޮރިއެންޓެޑް ކުންފުންޏެކޭ މި ދަންނަވަނީ އަޅުގަނޑުމެންގެ ހުރިހާ ޑިޒިޝަންތަކެއް, ނިންމާ ނިންމުންތަކެއް އެންމެ ފުރަތަމަ މަސްލަހަތު އޮންނަންޖެހޭނީ ކަސްޓަމަރުގެ. އެއަށްފަހު އަޅުގަނޑުމެންގެ ސްޓާފުންގެ. އެގޮތަށް މަސައްކަތް ކޮށްގެން ނޫނިއްޔާ އާންމުންގެ ތެރޭގައި މަގުބޫލު ކުންފުންޏެއްގެ ގޮތުގައި ހެދޭނެ ކަމަކަށް ގަބޫލެއް ނުކުރަން,” ޝަރީފު ވިދާޅުވި އެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި އެ ކުންފުނީގެ ޗެއާމަން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު މުހައްމަދު ދީދީ ވާހަކަދައްކަވަނީ. ފޮޓޯ: ސްޓެލްކޯ

މިއަދު ބޭއްވި ކޭކު ފެޅުމުގެ ހަފުލާގައި ސްޓެލްކޯގެ ޗެއާމަން ކަމަށް އައްޔަންކުރި ފަހުން ދީދީ ވެސް ބައިވެރިވިވެ ވަޑައިގެންނެވި އެވެ.

އިބްރާހިމް ދީދީ ބައިވެރިވި ފުރަތަމަ ހަފުލާގައި ވަނީ ސްޓެލްކޯގެ މުވައްޒަފުންނަކީ ރައްޔިތުންނަށް ތެދުވެރި އަދި އިހުލާސްތެރި ބަޔަކަށް ވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

އޭނާ މި ޒަމާނުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނީ ރޭވުންތެރިކަމާއެކު ސިސްޓަމެޓިކް ގޮތެއްގައި ރޭވިގެން ކަމަށެވެ. އަދި ސަރުކާރުން ސްޓެލްކޯ އުފެއްދީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި އެއީ ކުންފުނިން ދޭ ހިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާކޮށް މިއަދަށް ވުރެ މާ ރަނގަޅު ހިދުމަތްތަކެއް މާދަމާއަށް ތައްޔާރުވުމަށް ކަމަށް އިބްރާހިމް ދީދީ ވިދާޅުވި އެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާގެ ތެރެއިން. ފޮޓޯ: ސްޓެލްކޯ

ދީދީ ވިދާޅުވީ, ސްޓެލްކޯގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އަބަދުވެސް ޒިންމާއަކީ ކުންފުންޏަށް ރަނގަޅު ތަރައްގީތަކެއް ލިބި, ދައުލަތަށާއި ރައްޔިތުންނަށް މި ކުންފުނީގެ ހިދުމަތް ލިބުން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އިހުލާސްތެރިވެ, ތެދުވެރިވެ ހިތްވަރު ކުރުމަށް ނަސޭހަތްތެރިވި އެވެ.

ސްޓެލްކޯއިންވަނީ ވޭތުވެ ދިޔަ 25 އަހަރު މި ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި ކޭކު ފަޅަނީ. ފޮޓޯ: ސްޓެލްކޯ

އެކިއެކި ބަދަލުތަކާއެކު ސްޓެލްކޯއިން މިހާރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ މާލެ ސަރަޙައްދާއި އަދި، ގްރޭޓަރ މާލެ ސަރަޙައްދުގައި ހިމަނާފައިވާ އއ، އދ، ކ، އަތޮޅުގެ ރަށްތަކަށެވެ. އެއީ 35 ރަށެވެ.

ސްޓެލްކޯގެ އެންމެބޮޑު ޒިންމާއެއް އޮތީ މާލޭގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމެވެ. މިއީ މުޅި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި އާބާދީއެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކުރި ކޭކު. ފޮޓޯ: ސްޓެލްކޯ

މާލޭ ސަރަޙައްދުގެ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް 94 މެގަވޮޓްގެ ކަރަންޓު އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި މިހާރު ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހުޅުމާލޭގައި 53 މެގަވޮޓްގެ ކަރަންޓު ޤާއިމުކޮށް އަންނަނީ ޚިދުމަތް ދެމުންނެވެ.

ސްޓެލްކޯއިން ދަނީ ޔުޓިލިޓީގެ އިތުރު ޚިދުމަތްތަކަށްވެސް ވަންނަމުންނެވެ. އެގޮތުން 7 ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯއިން އަންނަނީ ދެމުންނެވެ. އަދި ބައެއް ރަށްރަށުގެ ކުނި މެނޭޖުކުރުމާ ޙަވާލުވުމުގެ މަސައްކަތްތައްވެސް މިހާރު ކުރަމުންދާކަމަށް އެ ކުންފުނިން ބުންޏެވެ.