ސޯލާޕެނަލް ހަރުކުރަން ގޭގެ ފުރާޅު ކުއްޔަށްދީގެން އާމްދަނީ ހޯދޭނެ ސްކީމެއް ސްޓެލްކޯއިން ތައާރަފްކޮށްފި އެވެ.

އެ ސްކީމަށް ދީފައިވާ ނަމަކީ "އަވިކަތަ" ސްކީމެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހާ ގުޅިގެން ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެ ސްކީމް އިފްތިތާހުކޮށްދެއްވާފަ އެވެ.

އެ ކުންފުނިން ބުނިގޮތުގައި އަންނަ މަހުން ފެށިގެން އެ ސްކީމް އެންމެނަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

ސްކީމްގައި ބައިވެރިވުމުގެ ޝަރުތުތައް

  • ގޭގެ ވެރިފަރާތުގެ ހުއްދަ އޮތުން
  • ފުރާޅުގައި މަދުވެގެން 100 އަކަފޫޓު ހުރުން
  • ފުރާޅަށް ފަސޭހައިން އަވި ލިބުން
  • ފުރާޅުގައި 150 ކިލޯގެ ބަރުދަން އުފުލާނެ ވަރު ހުރުން

މިއީ ތިމާވެއްޓަށް ގިނަ ފައިދާތަކެއް ކުރާނެ ސްކީމެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ އެ މަޝްރޫއުގައި ބައިވެރިވާން އެދި ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ހުށަހެޅުންތައް ބެލުމަށްފަހު އެ ކުންފުނިން ލޮކޭޝަން ދިރާސާކުރާނެ ކަމަށެވެ.

ސޯލާޕެނަލް ހަރުކުރާނީ އެ މީހަކާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު އެވެ. ކޮންމެ މަހަކުވެސް ކުލީގެ ފައިސާ ކަނޑައެޅިފައިވާ ބޭންކް އެކައުންޓަކަށް ސްޓެލްކޯއިން ޖަމާކުރާނެއެވެ.