ލަންޑަން (20 ޖޫން) - އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ ހީތުރޯ އެއާޕޯޓުގެ ބެގޭޓް ހޭންޑްލިން ސިސްޓަމް ފެއިލްވެ އެ އެއާޕޯޓުގެ ގިނަ އޮޕަރޭޝަންތައް ހުއްޓުމަކަށް ހިނގައްޖެ އެވެ.

ދިމާވީ ޓެކްނިކަލް މައްސަލައަކާ ހެދި ޓާމިނަލް އެކެއް އަދި ދޭއްގައި ހުރި ފަސިންޖަރުންގެ ފޮށިތައް ބަހާ ބެގޭޖް ހޭންޑްލިން ސިސްޓަމް ހުއްޓިފައިވާއިރު، އެއާޕޯޓުގެ މުވައްޒަފުން ދަނީ ފުނި ޖެހިފައިވާ ދާގީނާތައް ބެހުމުގެ މަސައްކަތް ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން މިއަދުގެ މިހާތަނަށް 90 އަށް ވުރެ ގިނަ ފްލައިޓްތައް ކެންސަލްކުރުމަށް އެ އެއާޕޯޯޓުން އެއާލައިންތަކަށް އަންގާފައިވެ އެވެ. އެއީ އެ އެއާޕޯޓުގެ އޮޕަރޭޝަންތަކުގެ ގާތްގަނޑަކަށް 10 ޕަސެންޓެވެ.

ކެންސަލްވި ފްލައިޓްތަކުގެ ތެރޭގައި ބަޖެޓް އެއާލައިންތަކުގެ ކުދި ބޯޓުފަހަރުގެ އިތުރުން އެމިރޭޓްސް ފަދަ ބޮޑެތި އެއާލައިންތަކުގެ އެއާބަސް މަރުކާގެ ބޯޓުތައް ވެސް ހިމެނެ އެވެ. މިކަމުގެ އަސަރު 15،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ކުރާނެ ކަމަށް ލަފާ ކުރެވެ އެވެ.

ލަންޑަން ހީތުރޯ އެއާޕޯޯޓަކީ ޔޫރަޕްގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓަށް ވާއިރު ދާގީނާތައް ހޯދުމަށްޓަކައި ފަސިންޖަރުން އެތައް އިރަކު އެއާޕޯޓުގައި މަޑުކުރަން ޖެހެ އެވެ.

ފުނި ޖެހިފައިވާ ދާގީނާތައް އޭގެ ވެރިންނާ ހަވާލު ކުރުމުގެ މަސައްކަތް އެއްގަމު މަގުން ކުރިއަށް ދާއިރު އެކަމަށް ހަފްތާއެއް ހާ ދުވަސް ނަގާފާނެ ކަމަށް އެއާލައިންތަކުން ވަނީ ފަސިންޖަރުންނަށް އަންގާފަ އެވެ.

މިކަމުގެ އަސަރުކުރި އެންމެހާ ފަސިންޖަރުންނަށް ވަކިވަކިން ގުޅައި ދާގީނާތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަން އަންގަމުން އަންނަ ކަމަށް ހީތުރޯ އެއާޕޯޓުން ބުނެ އެވެ.

ބެގޭޖް ހޭންޑްލިން ސިސްޓަމްއަށް ދިމާވީ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާއިރު ވީ އެންމެ އަވަހަށް އޮޕަރޭޝަންތައް ފެށިގެންދާނެ ކަމަށް ވެސް އެ އެއާޕޯޓުން ބުނެ އެވެ. -- ދަ އިންޑިޕެންޑަންޓް