އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެމްޓީސީސީގެ ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ބީއެމްއެލް ކާޑު އަދި "ކިއުއާރު" ކޯޑް މެދުވެރިކޮށް ޚިދުމަތް ލިބޭނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

އާރުޓީއެލް ބަސް ދަތުރުތަކުގައި ބޭނުންކުރާ ކާޑު ރީޗާޖްކުރެވޭނެ ފަސޭހަގޮތެއް ހަމަޖައްސައިދިނުމަށް އެދި މީހަކު ކުރި ޓުވީޓަކަށް ޖަވާބުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިއަހަރުގެ އޯގަސްޓްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބީއެމްއެލް ކާޑު އަދި ކިއުއާރް ކޯޑެއް ބޭނުންކޮށްގެން ބަހުގައި ދަތުރުކުރެވޭނެ ކަމަށެވެ.

ޚިދުމަތް މިގޮތަށް ބަދަލުކުރުމަށްޓަކާ އެމްޓީސީސީން މިހާރުވަނީ ބީއެމްއެލްއާއި މާސްޓަރކާޑާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ.

މީގެ ދަށުން ދަތުރުކުރާ ފަރާތްތަކަށް ގިނަ ކާޑުތަކެއް ބޭނުން ނުކޮށް އެއްކާޑަކުން ފައިސާގެ ހުރިހާ މުޢާމަލާތެއް ކުރެވޭނެ ގޮތަށް އޯޕަން ލޫޕް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހެދުމަށްވަނީ ހަމަޖެހިފަ އެވެ. މިގޮތަށް ބަދަލުކުރުމުން ދަތުރު ކާޑު ޓޮޕްއަޕް ކުރުމާއި، ދަތުރުވެރިންގެ އަތުން އިތުރު ޚަރަދެއް ނުހިނގާ ވަގުތުން ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެ އެވެ.

ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކުން މިހާރު ބޭނުންކުރަމުންދަނީ އެކަމަށްޓަކާ ޚާއްސަކޮށްފައިވާ ދަތުރުކާޑެކެވެ. ދަތުރުކުރުމަށްޓަކާ މިކާޑު، އެމްޓީސީސީގެ މައި ޓާމިނަލް ތަކުން ޓޮޕްއަޕް ކުރަން ޖެހެ އެވެ. ފައިސާ ދައްކާގޮތަށް އަދި ކާޑު މެދުވެރިކޮށް ވެސް ދަތުރުކާޑު ޓޮޕްއަޕް ކުރެވެ އެވެ.