ބީއެމްއެލް ސްކޮލަޝިޕް ފަންޑުގެ ދަށުން މި އަހަރު މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭ ތިން ދަރިވަރުންގެ ނަން ބޭންކް އޮފް މޯލްޑިވްސް އިން އިއުލާންކޮށްފި އެވެ.

މި ދަރިވަރުންނަކީ:

  1. އަހުމަދު ނިސާލް
  2. އާމިނަތު މައިސާ ނިޔާޒު
  3. އިސްމާއިލް ޒަކްވާން ޝިހާދު

ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ އެ ބޭންކުން ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ތައުލީމީ، ގާބިލް ޒުވާން ދިވެހި ތިން ދަރިވަރުންނަށް ލިބިގެންދާކަމީ ބީއެމްއެލްއަށް ލިބޭ ފަހުރެއް ކަމަށެވެ.

"މި ސްކޮލަޝިޕްގެ ދަށުން ކުރިއަށް އޮތް ޖީލުތަކުގެ ލީޑަޝިޕް މަގާމުތައް ފުރަމުންދާނެ ހުނަރުވެރި ތައުލީމީ ޒުވާނުން ބިނާކުރުމަށް މަގުފަހިވެގެންދާނެ. ތައުލީމީ ގޮތުން ވަރަށްވެސް މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ހަމައެހެންމެ ލީޑަޝިޕް ދައްކުވައިދޭ ހުނަރުވެރި ޒުވާނުން ހޮވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް ވެސްމެ. ޒުވާނުންގެ ތެރެއިން ގައުމަށް ހިދުމަތްކުރުމަށް ބޭނުންވާ ދަރިވަރުންނަށް މަތީ ތައުލީމްގެ ފުރުސަތު ހޯދައިދިނުމަކީ އަނބުރާ މުޖުތަމައަށް އެހީތެރިވެ، ގައުމުގެ މުސްތަގްބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް ވެސްމެ،" ޓިމް ވިދާޅުވި އެވެ.

ބީއެމްއެލް ސްކޮލަޝިޕް ލިބޭ ތިން ދަރިވަރުންނާ ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ބުނީ މި ސްކޮލަޝިޕް ފަންޑަކީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރިހާ ހަރަދެއް ހިމަނައިގެން ދެވޭ ސްކޮލަޝިޕެއް ކަމަށެވެ. އަދި މި ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަސިޓީން ބޭންކިންގެ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ވަރަށް ވާދަވެރިކޮށް ކުރިޔަށްދިޔަ މި ސްކޮލަޝިޕް ފަންޑު ހުޅުވާލެވުނީ ތައުލީމީ ގޮތުން މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ހަމައެހެންމެ މަތީ ތައުލީމް ހާސިލްކުރުމަށްފަހު ދިވެހިރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށެވެ.

ބީއެމްއެލް ސްކޮލަރޝިޕް ފަންޑަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިން ފުރަތަމަ ހަރަކާތުގެ ގޮތުގައި ނޮވެމްބަރު 2021 ގައި ތައާރަފްކުރި ފަންޑެކެވެ.