މާލޭގައި ހުރި އާސާރީ ބިނާތަކާއި ސަރަޙައްދުތައް އާބާތުރަފިލުވައި ބެލެހެއްޓުމުގެ މަސައްކަތް ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް އެ ކުންފުނިން ނިންމައިފި އެވެ.

ސްްޓެލްކޯއިން އަންނަނީ 2019ވަނަ އަހަރުން ފެށިގެން، މާލޭގެ ހުކުރު މިސްކިތާއި މެދުޒިޔާރަތުގެ އާބާތުރަފިލުވައި ސާފުކޮށް ބަލަހައްޓައިދެމުންނެވެ. އެގޮތުން ހުކުރު މިސްކިތުގެ މުންނާރު، ކުރިން ފެންނަން ހުރިގޮތަށް ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ހިރިގަލު ވަޅުތައް ސާފުކޮށް ބެލެހެއްޓުން ހިމެނެ އެވެ. އެންމެ ފަހުން ކުރިއަށް ގެންދިޔައީ މާލޭގެ މެދުޒިޔާރަތް ދޮވެ ސާފުކޮށް، އެތަން އާބާތުރަފިލުވުމުގެ މަސައްކަތެކެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ވިދާޅުވީ މިއީ ސްޓެލްކޯގެ މުވައްޒަފުންގެ ވަރަށް މުހިންމު ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި އެ ކުންފުނިން މިހާރު ނިންމާފައިވަނީ، މާލޭގައި ހުރި އެހެން ބިނާތައް ވެސް މިގޮތަށް ސާފުކޮށް ބަލަހައްޓައިދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިމަގުގައި މަހަކު އެއްފަހަރު ހުކުރު މިސްކިތް ސާފުކުރުން ކުރިއަށްގެންދާނަން. އަދި ތާރީޚީ އެހެން ތަންތަން ބެލެހެއްޓުން ވެސް ސްޓެލްކޯއިން މީގެ ފަހުން ކުރިއަށް ގެންދާނަން،" ޝަރީފް ވިދާޅުވި އެވެ.

ސިލްސިލާކޮށް ކުރިއަށްގެންދާ ސާފުކުރުމުގެ މިފަހަރުގެ ޕްރޮގްރާމް ފަށްޓަވައިދެއްވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހުކުރު މިސްކިތަކީ އަދި މިނޫންވެސް އިސްލާމީ ތާރީޚާގުޅޭ މުހިންމު ބިނާތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަހުރި ކަމަށެވެ. އަދި މި މަސައްކަތުގައި ސްޓެލްކޯއިން ދައްކަމުންދާ ނަމޫނާ އެހެން ކުންފުނިތަކުން ވެސް ބަލައިގަތުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

"ސަރުކާރުން ކުންފުނިތަކުން ޚިދުމަތްދޭ ރަށްރަށުގައިވެސް މުހިންމު ބިނާތައް އެބަހުރި. އަޅުގަނޑުމެން މިދަނީ މަޝްވަރާކުރަމުން ކުންފުނިތަކާއި ކައުންސިލްތަކާކު، ރަށްރަށުގައި ހުރި މިފަދަ ތަންތަން ބެލެހެއްޓޭނެ ގޮތްތަކާ ގުޅޭގޮތުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާތަނަށް އައިއިރު ސްޓެލްކޯއިން ވަނީ ތިން ފަހަރެއްގެ މަތިން ހުކުރު މިސްކިތް ސާފުކުރުން ކުރިއަށް ގެންގޮސްފަ އެވެ.