ސ. ވިލިނގިލީގައި ހިންގި ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ވިއްކާލަން އިއުލާންކޮށްފި އެވެ.

ޝަންގްރިއްލާ ހޮޓެލްސް އެންޑް ރިސޯޓު ހިއްސާވާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކޮށް 2009 ވަނަ އަހަރު ހުޅުވި ރިސޯޓު ކޮވިޑާ ގުޅިގެން އޭޕްރިލް 2020 ވަނަ އަހަރުން ފެށިގެން އޮތީ ބަންދުކޮށްފަ އެވެ. އޭގެ ފަހުން ޝަންގްރިއްލާ އާއި މަޝްވަރާ ކުރުމަށްފަހު ސަރުކާރުން މީގެ ކުރިން ވަނީ ޝަންގްރިއްލާ ހުޅުވޭނެ ކަމަށް ބުނެ އެތައް ތާރީހުތަކެއް ވެސް ދީފަ އެވެ.

ދިވެހި ސަރުކާރުގެ 30 ޕަސެންޓް ހިއްސާވާ ވިލިނގިލި ރިސޯޓުގެ ސަރުކާރުގެ ހިއްސާ ގަންނަން ދައްކަން ޖެހޭ އަދަދު މިހާރު 85 މިލިއަން ޑޮލަރަށް އަރާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވެ އެވެ.

ޝަންގްރިއްލާއާއެކު ސ. ވިލިނގިލީގައި ރިސޯޓް ހިންގަން ދިވެހި ސަރުކާރުން އުފައްދާފައިވާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެގްރީމެންޓްގެ ސަބަބުން ރިސޯޓަށް ގެއްލުންވާ ހާލަތުގައި ލޮސް ފައިނޭންސް ކުރުމަށް ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހެ އެވެ.

މިނިސްޓަރު މިދިޔަ ފެބްރުއަރީ މަހު ވިދާޅުވީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ލިބެމުންދާ ގެއްލުމުގެ ބަދަލަށް ނަގާ ލޯނާއެކު ސަރުކާރުން 65 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

"ޝަގްރިއްލާއަކީ 284 އެނދުގެ ތަނެއް. އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ލަސް ފައިނޭންސް ކުރަން ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހޭ،" މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވި އެވެ. "އެ އަގަށް 65 މިލިއަން ޑޮލަރު ދައްކަން ޖެހޭ. ނަމަވެސް އެއްވެސް އެއްޗެއް ނުލިބި އެހާ ގިނަ ދުވަސްވީމަ. ދައުލަތުން ވެސް ބޮޑަށް ބޭނުން ވަނީ ހިއްސާ ދޫކޮށްލަން."

ވިލިނގިލި ރިސޯޓު ވިއްކާލަން ހަވާލުކޮށްފައި ވަނީ ސީބީއާރުއީ ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުނިން ވަނީ އެ ރިސޯޓު ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަން ހުޅުވާލައިފަ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ހޮޓެލް ޗެއިން އިން ހިންގި 132 ވިލާގެ މަތީ ފެންވަރުގެ ރިސޯޓު ވިއްކާލާ އަގެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެ ރިސޯޓުގެ އިންވެސްޓްމަންޓްގެ އަގު ވެސް ބުނެފައެއް ނުވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗުގައި ފަސް މިނެޓުން ދެވޭ ރާސްތާގައި އޮންނަ 50 ހެކްޓަރުގެ ވިލިނގިލި ރިސޯޓް އެންޑް ސްޕާގައި 132 ވިލާ ހުރެ އެވެ. އަދި ހަ ރެސްޓޯރަންޓާއި އެވޯޑް ލިބިފައިވާ ސްޕާއަކާއި ދެ ޓެނިސް ކޯޓު، ތިން ނެޗުރަލް ލެގޫން އާއި ނުވަ ހޯލް ހިމެނޭ ގޮލްފް ކޯހެއް ވެސް އޮވެ އެވެ.

އެ ކުންފުނިން ބުނެފައި ވަނީ ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ލަގްޒަރީ ރިސޯޓެއް ފްރީ ހޮލްޑް އުސޫލުން ހޯދުމުގެ ފުރުސަތު އިންވެސްޓަރުންނަށް ލިބެނީ ވަރަށް މަދު ފަހަރެއްގައި ކަމަށެވެ. އަދި އެ ރަށަކީ ބިން ހިއްކުމެއް ނެތި، ނުވަތަ މާބޮޑު މަސައްކަތްތަކެއް ނުކޮށް، އިތުރު ތަރައްގީކޮށް، އާ މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ވެސް އޮތް ރަށެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ރިސޯޓުގެ ކުލީގެ މުއްދަތު ހަމަވަނީ 26 ފެބްރުއަރީ 2105 ވަނަ އަހަރު އެވެ.