މަސައްކަތް ފެށިތާ އެތައް އަހަރެއްވެފައިވާ ސިފައިނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތަށް 1.5 ބިލިއަން ރުފިޔާގެ ލޯނު ނެގުމުން އެ މަސައްކަތުގެ އަގު ބޮޑުވެފައިވާތީ، އެތަނުގެ ކުލި ކުޑަކުރެވޭނެ ގޮތެއް ހޯދުމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ފާސްކޮށްފި އެވެ.

"ސިފްކޯ" އަދި "ޕޮލްކޯ"އިން ތަރައްޤީކުރަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ނިމިފައިނުވާ މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ކަމާގުޅުން ހުރި އިދާރާތަކާ، ބައްދަލުކުރުމަށްފަހު މިއަދު ފާސްކުރި ރިޕޯޓުގައި ސަރުކާރަށް ހުށައެޅުމަށް ނިންމެވި ކަންކަމުގެ ތެރޭގައި ވަނީ މާކެޓުގައި ފްލެޓް ހުރި އަގުތައް ބަލައި އަގުތަކާގުޅޭ ޕްލޭނެއް އެކުލަވާލުން މުހިންމުކަން ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ކޮމިޓީން ހުށަހަޅަން ނިންމި ކަންކަމުގެ ތެރޭގައި، ފްލެޓް ޓަވަރުތަކުގައިވާ ކޮމާޝަލް ޔުނިޓްތަކާއި މަލްޓި ޕާޕަސް ހޯލުތައް ކުއްޔަށް ދީގެން މުވައްޒަފުންނަށް ކުލި ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމާއި، ޕޮލްކޯ އާއި ސިފްކޯއިން އެންމެ ފުރަތަމަ މަޝްރޫއު ހަވާލުކުރިއިރު ވާދަވެރި ބީލަމަކުން ފުރުސަތުދީފައި ނުވާތީ ބިޔަ މަޝްރޫއުތައް ހަވާލުކުރާއިރު ވާދަވެރި ބީލަމަކަށް ހުޅުވާލުން ހިމެނެ އެވެ. އަދި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރި ކުންފުންޏެއްތޯ ބެލުމާއި، މަޝްރޫއުތައް ކުރިއަށް ގެންދިޔައިރު އެއްވެސް ސެކިއުރިޓީ ޑިޕޮސިޓެއް އަދި ޕާފޯމަންސް ގެރެންޓީއެއް ނެތި އެޑްވާންސް ފައިސާ ދީފައިވާތީ އެގޮތަށް މަޝްރޫއުތައް ކުރިއަށް ނުގެންދިއުމަށް ހުށައެޅުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

އެސްއޯއީ ކޮމިޓީން ރިޕޯޓް ފާސްކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީއާއި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވާ މައުލޫމާތު ހޯއްދެވުމަށްފަހު އެވެ. އަދި އެ ފްލެޓްތަކަށް ކޮމިޓީގެ މެންބަރުން ޒިޔާރަތްކޮށް އެތަން ބައްލަވާލައްވާފައިވެ އެވެ.

"ސިފްކޯ" އަދި "ޕޮލްކޯ"އިން ތަރައްޤީކުރަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު ނިމިފައިނުވާ މައްސަލައިގެ ރިޕޯޓާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން މަޝްވަރާކޮށް ގޮތެއް ނިންމުން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމިޓިގެ މުޤައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެ ފްލެޓްތަކަށް ޚަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ބޮޑު ޚަރަދެއް ހިނގާފައިވާ ކަމަށެވެ. އެގޮތުން ސިފްކޯގެ ފްލެޓްތަކުގެ މަސައްކަތަށް މިއަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް 640 މިލިއަން ރުފިޔާގެ ލޯން ނަގާފައިވާ ކަމަށާއި، އިންޓްރެސްޓާ އެކު އެ އަދަދު 867 މިލިއަނަށް އަރާކަން މުގައްރިރު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ފުލުހުންގެ ޕޮލްކޯ ފްލެޓްތަކަށް އެ މުއްދަތާއި ހަމައަށް 497 މިލިއަން ރުފިޔާގެ ލޯން ނަގާފައިވާ ކަމަށާއި، އިންޓްރެސްޓާއެކު އެ ޢަދަދު 725 މިލިއަނަށް އަރާފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު ވިދާޅުވި އެވެ.

ސިފްކޯ އަދި ޕޮލްކޯއިން ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތަކުގެ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީއިން ސިފްކޯހިޔާގެ އަމަލީ މަސައްކަތްތައް މިދިޔަ ހަފުތާގައި ބައްލަވާލައްވަނީ. ފޮޓޯ: މަޖްލިސް

އޭނާ ވިދާޅުވީ، ސިފްކޯ އާއި ޕޮލްކޯއަށް ދޫކޮށްފައިވާ ލޯނުތަކަކީ ދައުލަތުން ލޯނު ނެގުމަށް ފަހު އެ ކޯޕަރޭޝަންތަކަށް ދޫކޮށްފައިވާ ލޯނުތަކެއް ކަމަށެވެ. އަދި އެލޯނުތަކަކީ ކޮމްޕައުންޑް އިންޓްރެސްޓް ހިނގަމުންދާ ލޯނުތަކަކަށްތީ މަސައްކަތް ނުނިމި ލޯނުތަކަށް ފައިސާ ނުދައްކާ ލަސްވާތީ، 0.015 ޕަސެންޓް ރޭޓުން ޖޫރިމަނާ ނަގަމުންދާ ކަމަށެވެ.

ކޮމިޓީގެ މުގައްރިރު ވަނީ ލޯނު ދައްކަމުން ނުދާތީ ދައުލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެއްބަސްވުން އުވާލައި މަސައްކަތް ހުއްޓި ނުވަ ވަރަކަށް އަހަރުވެފައިވާ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ލަސްވެގެންދަނީ މިހާރު މަސައްކަތް ހަވާލުކުރި ކުންފުންޏާ ހަވާލު ކުރުމުގެ ކުރިން އެތަނުގައި މަސައްކަތް ކުރި ސަބް ކޮންޓްރެކްޓަރުގެ ސަބަބުން ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މިހާރު ވެސް މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު މަސައްކަތް ނިންމަން އެއްބަސްވި މުއްދަތަށް ވުރެ ދެމަސް ދުވަސް ލަސްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ފްލެޓްތަކުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިހާރު ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނާ އެވެ.

ސިފްކޯ އަދި ޕޮލްކޯއިން ހުޅުމާލޭގައި އަޅަމުންދާ ފްލެޓް އިމާރާތެއް. ފޮޓޯ: އަހުމަދު އިޝާން | ހުރިހާ

"ސިފްކޯ" އަދި "ޕޮލްކޯ" އިން ތަރައްޤީކުރަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ނިމިފައިނުވާ މައްސަލައިގެ ރިޕޯޓާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މަޝްވަރާކޮށް ގޮތެއް ނިންމުން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ފުލުހުންގެ 361 ހައުސިން ޔުނިޓްގެ ފިނިޝިން މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިޔުނިޓްތަކަކީ 1،100 އަކަފޫޓުގެ ޔުނިޓްތަކެކެވެ. މިއީ މުޅިން ވެސް ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. އެ މަސައްކަތްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 274.5 މިލިއަން ރުފިޔާއަށެވެ.

ފުލުހުންނާއި ސިފައިންނަށް ޚާއްސަކޮށްގެން 691 އެޕާޓްމަންޓްގެ ތިން ޓަވަރު އެޅުމަށް ހަވާލުކުރީ 2013 ވަނަ އަހަރު އެވެ. މީގެ އަމަލީ މަސައްކަތް އޭގެ އަނެއް އަހަރު ވަނީ ފަށައިފަ އެވެ. ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތްތައް ނިމިފައިވަނިކޮށް، މި މަސައްކަތުގެ ކޮންޓްރެކްޓަރު "ނޫމަޑި"އާއެކު ވެފައިވާ އެއްބަސްވުން އޭރުގެ ސަރުކާރުން އުވާލީ މާލީ ދަތިކަމުގެ ސަބަބުން ކަމަށް ބުނެ 2016ވަނަ އަހަރު އެވެ. ފްލެޓް ލިބޭ ސިފައިންނާ ފުލުހުންގެ ލިސްޓުވެސް އޭރު އޮތީ އާއްމުކޮށްފަ އެވެ.

އޭގެ ފަހުން އެ ފްލެޓްތަކުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސް ފަސްވަރަކަށް އަހަރުތަކެއް ފާއިތުވި އެވެ.