ޓޫރިޒަމް ދާއިރާގެ އެންމެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ބޯޑު މެމްބަރުގެ އަދަދު އިތުރުކޮށް، މި އަހަރު ވެސް ޗެއާމަންގެ މަގާމަށް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އައްޔަންކޮށްފި އެވެ.

އެމްޔޫ މަނިކު މަޓީގެ ޗެއާމަންގެ މަގާމަށް އައްޔަން ކޮށްފައިވަނީ މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 32 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.

މިއީ ދެ އަހަރަށް ފަހު މަޓީގެ އޭޖީއެމް ޕިޒިކަލީ ބޭއްވި ފުރަތަމަ ފަހަރު އެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ޖަމިއްޔާގެ 130 މެންބަރުން ވަނީ ބައިވެރިވެފަ އެވެ. އަހަރީ އަންމު ޖަލްސާގައި ކުރިއަށް އޮތް ދައުރަށް މަޓީގެ ބޯޑަށް މެމްބަރުން ވަނީ ހޮވާފަ އެވެ.

މީގެ އިތުރުން މަޓީގެ ބޯޑު މެމްބަރުންގެ އަދަދު 15 އިން 17 އަށް އިތުރު ކުރުމަށްވެސް ވަނީ ފާސްކޮށްފަ އެވެ.

މަޓީގެ މި ދައުރުގެ ޗެއާމަނަކަށް ވެސް ހޮވާފައިވަނީ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކެވެ. ވައިސް ޗެއާމަންގެ ގޮތުގައި ހޮވާފައިވާ ދެ ބޭފުޅުންނަކީ ހުސެއިން އަފީފާއި ސޮލާހު ޝިހާބެވެ.

ސެކްޓަރީ ޖެނެރަލްއަކީ އަހުމަދު ނަޒީރު އެވެ. ޑެޕިއުޓީ ސެކްޓަރީ ޖެނެރަލްއަކީ އައްސަދު އަލީ ހޮވާފައިވާއިރު ފައިނޭންޝަލް ކޮންޓްރޯލާ އަކީ އަހުމަދު ހަފީޒު އެވެ. ދެން ތިއްބަވަނީ އެގްޒެކެޓިވް ބޯޑު މެންބަރުންނެވެ. އެއީ 9 ބޭފުޅުންނެވެ.

އަލަށް އިތުރުކުރި ބޯޑު މެންބަރުންނަކީ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބް ޝުޖާއު އާއި، އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ފަރާތުން ސަލީލް ޕަނިގްރާހީ އާއި މެރިއޮޓް އިންޓަނޭޝަނަލްސްގެ ވައިސް ޕްރެޒިޑެންޓް ރިވެރީ ޑެލްގާޑޯ އެވެ.

މަޓީގެ ބޯޑު ހޮވަނީ އެއް އަހަރުގެ މުއްދަތަކަށެވެ.