ދުނިޔޭގެ ބާާޒާރުގައި ސާފު ނުކުރާ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން، އެސްޓީއޯއިން ވިއްކާ ޕެޓްރޯލް ލީޓަރެއްގެ އަގު 16.55ރ. އަށް، ޑީސަލް ލީޓަރެއް 16.77ރ. އަށް މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މިއަދުން ފެށިގެން ވިއްކާ ޕެޓްރޯލް ލިޓަރަކުން 1.95ރ. ބޮޑުކޮށްފައިވާ ކަމަށެވެ. އަދި ޑީސަލް ލިޓަރަކުން 1.97ރ. ބޮޑުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެފްއެސްއެމުން ވިއްކާ ތެލުގެ އަގު އެންމެ ފަހުން ބޮޑުކޮށްފައި ވަނީ މިދިޔަ މާޗް 5 ގަ އެވެ. އެ ފަހަރު ޕެޓްރޯލް ލިޓަރަކުން 2.54ރ. ބޮޑުކުރި އެވެ. އަދި ޑީސަލް ލިޓަރަކުން 2.36ރ. ބޮޑުކުރި އެވެ.

މިއީ މިއަހަރު ފެށުނު ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރި ހަތަރުވަނަ ފަހަރެވެ. އެ ކުންފުނިން މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ތެލުގެ އަގު ބޮޑުކުރުމަށްފަހު އޭގެ ފަހުން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އަދި އޭގެ ފަހުން މިދިޔަ މާޗް ފަހެއްގައި ވެސް ވަނީ އަގު ބޮޑުކޮށްފަ އެވެ.

ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް ވުރެ މައްޗަށް ދިއުމަށް ފަހު އިއްޔެ ވަނީ 101 ޑޮލަރަށް ތިރިވެފަ އެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިގްތިސާދީ މާހިރުން ބުނެ އެވެ.