ބަނޑޮސް މޯލްޑިވްސް ރިސޯޓުގައި ޑިކޮމްޕްރެޝަން ޗެމްބާގެ ހިދުމަތް އަލުން ފަށައިފި އެވެ.

ޑިކޮމްޕްރެޝަން ޗެމްބާއަކީ ވައިފުޅި އަޅައިގެން ފީނުމުގެ ތެރޭގައި ޑައިވިން ޑިކޮމްޕްރެޝަން ސިކްނެސް، (ޑީކޯ)ވާ މީހުންނަށް ފަރުވާދިނުމަށް ބޭނުންކުރާ ވަސީލަތެކެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޑިކޮމްޕްރެޝަން ޗެމްބަރގެ ޚިދުމަތްދޭން ފަށާފައި ވަނީ ބަނޑުގަ އެވެ. އެގޮތުން 1993ވަނަ އަހަރު އެ ރިސޯޓުގައި އެ ޚިދުމަތްދޭން ފަށާފައިވެ އެވެ. އަދި މިހާތަނަށް ހާހަކަށްވުރެ ގިނަ ޑައިވަރުންނަށް އެތަނުން ފަރުވާދީފައިވެ އެވެ.

ބަނޑޮހުގައި ޑިކޮމްޕެރެޝަން ޗެމްބާގެ ޚިދުމަތް އަލުން ފެށީ މަރާމާތަށް އެ ޚިދުމަތް ދުވަސްކޮޅަކަށް މެދުކެނޑިފައި އޮތުމަށްފަހު އެވެ. ޗެމްބާ މަރާމާތުކޮށްފައިވަނީ ތަޖުރިބާކާރުންގެ ޚާއްސަ ޓީމަކުން ކަމަށް ބަނޑޮހުން ބުނެ އެވެ.

ޑީކޯވަނީ ފީނަން ގޮސް އުޅުމުގެ ތެރޭގައި މައްޗަށް އަރަން އޮންނަ އުސޫލުތަކަށް ނުބަލައި މައްޗަށް އެރުމުންނެވެ. މީގެ ސަބަބުން އޮކްސިޖަން ދައުރުވުމުގައި މައްސަލަތައް ދިމާވެ ހަށިގަނޑުގައި ގޭސް ބޮކިތަކެއް އުފެދެ އެވެ. މި ގޭސް ބޮކިތަކުގެ ސަބަބުން ސްޓްރޯކު ޖެހުމާއި ގޭސް އެމްބޮލިޒަމް ފަދަ ކަންކަން ދިމާވެ އެވެ. އަދި ޑީކޯވާ ބަލިމީހާގެ ނޭވާލުން ރަނގަޅުކޮށް އޭނާގެ ނޭވާ ހޮޅީގައި އުފެދޭ ގޭސް ބޮކިތައް ނައްތާލުމަށް ޑީކޮމްޕްރެޝަން ޗެމްބަރުން އެހީދެވެ އެވެ.