އްޖެ ޓްރާންސްޕޯޓް ލިންކް (އަރުޓީއެލް)ގެ ތަޖުރިބާ ދަތުރުތައް ހއ.އަތޮޅުގައި ފަށައިފި އެވެ.

އެ އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮންނައިރު އަރުޓީއެލްގެ ދަތުރުތައް ފުރަތަމަ ހަފްތާގައި ދަތުރުކުރާ މީހުންގެ އަތުން ފީއެއް ނުނަގަ އެވެ.

އާރްޓީއެލްއިން ހއ. އަތޮޅުގައި ދަތުރުތައް ފެށުމަށް ބޭނުންވާ 5 ސްޕީޑް ފެރީ ފޮނުވާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

އެމްޓީސީސީން މިއަދު ބުނީ އަތޮޅުގެ ތަޖުރިބާ ދަތުރުތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ތަޖުރިބާ ދަތުރުތައް ކުރިއަށްގެންދާނީ އެއް ހަފްތާއަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ތަޖުރިބާ ދަތުރުތައް ނިންމައި، ރަސްމީކޮށް އާރްޓީއެލްގެ ޚިދުމަތް ހއ. އަތޮޅުގައި ފަށާނީ އަންނަ ޖުލައި މަހުގެ ތިންވަނަ ދުވަހު ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ދަތުރުތަކުގެ އަގު އުޅޭނީ 35ރ. އާއި 100 ރުފިޔާއާއި ދެމެދު ކަމަށް އެމްޓީސީސީން ބުނެ އެވެ.

ހއ.އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮވެ އެވެ. މި 14 ރަށް ހިމެނޭހެން 5 ރޫޓަކުން ދަތުރުތައް ވަނީ ކަނޑައަޅާފަ އެވެ. އަދި މި ރޫޓުތަކަށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާނެ އެވެ.

އަލަށް ފަށާ ދަތުރުތަކުގެ ތެރޭގައި ޒޯން 1ގައި ހިމެނޭ ހއ.އަތޮޅާއި ހދ. އަތޮޅާ ދެމެދުގެ ރޫޓް ވެސް ފަށާނެ އެވެ. މިއީ ދެ އަތޮޅުގެ ދެމެދުގައި އާރްޓީއެލްގެ ޚިދުމަތް ފަށާ ފުރަތަމަ ފަހަރެވެ. އެގޮތުން ދިއްދޫ- ކުޅުދުއްފުށީ އަދި ދިއްދޫ- ހަނިމާދޫ ޑައިރެކްޓް ދަތުރުތައް ބާއްވާނެ އެވެ. އަދި އިހަވަންދޫ، ހޯރަފުށި ހިމެނޭ ރޫޓަކުން ކުޅުދުއްފުއްޓަށް ދަތުރުތައް ބާއްވާނެ އެވެ.