ބީއެމްއެލް އިން ކުރިއަށް ގެންދާ ގްރެޖުއޭޓް އިންޓާންޝިޕްގެ މި އަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް ހިންގާ ޕްރޮގްރާމެކެވެ.

އެ ބޭންކުން ބުނިގޮތުގައި ޕްރޮގްރާމްގައި ބައިވެރިވާ އިންޓާނުންނަށް ވަޒީފާގެ ތަމްރީނުތަކާ އެކު ކޮންމެ މަހަކު 6،000ރ. ގެ އެލަވަންސް ދޭން ވަނީ ނިންމައިފަ އެވެ.

ބީއެމްއެލުން ބުނި ގޮތުގައި، ރޯދަ އިނާޔަތާއި މުސާރަ ލިބޭ 15 ދުވަހުގެ ޗުއްޓީ އަދި ސަލާމާއި އާއިލީ ޒިންމާގެ 10 ދުވަސް އިންޓާނުންނަށް ލިބޭނެ އެވެ. އަދި ޕްރޮގްރާމް ފެށުމުގެ ކުރިން ހާސިލްކުރަން ޖެހޭ ލަނޑުދަނޑިތައް ކިޔައިދޭނެ ކަމަށާއި ކޮންމެ އިންޓާނަކަށް ވެސް ލައިން މެނޭޖަރަކާ އެކު ތަޖުރިބާކާރު އެހީތެރިއެއް އައްޔަންކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 18 އަހަރުން މަތީ ދިވެހިންގެ ތެރެއިން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީގެ ސެޓްފިކެޓެއް އޮތް ދަސްވެނިން ނުވަތަ އެ ލެވެލްތަކަށް ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން އެ ދާއިރާއިން އެއް އަހަރުދުވަހުގެ ތަޖުރިބާ ނެތް މީހުންނަށް އެކަންޏެވެ.

އިންޓާންޝިޕް ފުރިހަމަކުރާ ބައިވެރިންގެ ވަޒީފާގެ ޕާފޯމެންސް، ހާޒިރީ އަދި ބޭންކުގެ ސިޔާސަތުތަކާއި ގަވައިދުތަކަށް ދޭ ސަމާލުކަމަށް ބަލާ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ނަމަ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

މި ޕްރޮގްރާމަކީ 2018 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް 45 ވަރަކަށް އިންޓާނުން އެ ޕްރޮގްރާމުގައި ބައިވެރިވެފައިވާއިރު އޭގެތެރެއިން ގިނަ އިންޓާނުން މިހާރު ތިބީ ބީއެމްއެލްގެ ދާއިމީ ވަޒީފާގަ އެވެ.