މިދިޔަ މަހު އެތެރެކުރި މުދަލާއި ބޭރުކުރި މުދަލުގެ އަދަދު އިތުރުވެ، އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 26 ޕަސެންޓް އިތުރުވެއްޖެ އެވެ.

ކަސްޓަމްސްއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މޭ މަހު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން 239 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އަދި މިއަހަރުގެ މެއިމަހު މި އަދަދު ވަނީ 300 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ރާއްޖެއަށް މިދިޔަ އަހަރުގެ މެއި ރާއްޖެއަށް 2.9 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. މި އަދަދު މިއަހަރުގެ މެއިމަހު ވަނީ 4.4 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 52 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޗައިނާ، ޔޫއޭއީ، ސިންގަޕޫރުންނެވެ. އެގޮތުން އޮމާން އިން 783 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 650 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. މީގެ އިތުރުން ޗައިނާ އިން 447 މިލިއަން ރުފިޔާގެ މުދާ، ޔޫއޭއީ އިން 426 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯއިން 387 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފަ އެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައިވަނީ މެޝިނަރީއާއި އިލެކްޓްރިކް ސާމާނާއި، ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކެވެ.

އެކްސްޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ މެއި ރާއްޖެއިން 515 މިލއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. މި އަހަރުގެ މޭ މަހު މި އަދަދު ހުރީ 719 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 40 ޕަސެންޓްގެ އިތުރު އަދަދެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށާއި، އިނގިރޭސިވިލާތަށާއި، ޖަރުމަންވިލާތަށާއި، އިންޑިއާ އަދި ފްރާންސްއަށެވެ. ރާއްޖެއިން މުދާ ބޭރުކުރި ނިސްބަތަށް ބަލާއިރު އެންމެ ގިނަ މުދާ ބޭރުކޮށްފައި ވަނީ ތައިލޭންޑްއަށެވެ. އެއީ ބޭރުކުރި މުދަލުގެ 58 ޕަސެންޓެވެ. ދެން އެންމެ ގިނަ މުދާ ބޭރުކުރި އިނގިރޭސިވިލާތަށް 10 ޕަސެންޓް މުދާ ވަނީ ބޭރުކޮށްފަ އެވެ. ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކޮށްފައިވަނީ ޖަރުމަނަށެވެ. އެ ގައުމަށްވަނީ ނުވަ ޕަސެންޓް މުދާ ބޭރުކޮށްފަ އެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ މަފިނިކުރި ކަނޑު މަހުގެ ބާވަތްތަކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް މުދާ ހިފައިގެން 85 އުޅަނދެއް އައިސްފައިވެ އެވެ. އަދި 114 އުޅަނދެއް ފުރާފައިވެ އެވެ.