މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އާއި ލޯކަލް ޑެސްޓިނޭޝަން މެނޭޖްމަންޓް ކޮންޕެނީ (ޑީއެމްސީ)، ރިސޯޓް ލައިފް ޓްރެވަލްއިން ޔޫރަޕުގެ މާކެޓުތަކުގައި (ރަޝިޔާ، ސީއައިއެސް، މެދު އަދި އިރުމަތީ ޔޫރަޕް) ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ، ޕްރޮމޯޓްކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ. އަދި ރިސޯޓް ލައިފް ޓްރެވަލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާޒް އެވެ.

ރިސޯޓް ލައިފް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް (އާރުއެލްޓީ) އަކީ 2006 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފެންވަރުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ އެއް ޓުއާ އޮޕަރޭޓަރެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި 15 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް ވެސްމެ އެވެ.

އާރުއެލްޓީއިން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ގިނަ ބްރޭންޑްތަކާ ގުޅިގެން ހަރަކާތްތައް ހިންގަމުންނެވެ. އޭގެ އިތުރުން، ރަޝިޔާ، ސީއައިއެސް، މެދު އަދި އިރުމަތީ ޔޫރަޕްގެ މާކެޓުތަކުގައި ހަރަކާތްތެރިވާ ފަތުރުވެރިކަމުގެ ސްޓޭކްހޯލްޑަރުންނާއި އާރުއެލްޓީއިން ގުޅުން ބަދަހިކޮށް، ދަނީ މަސައްކަތް ކުރަމުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެ ކުންފުނިން ބުނީ މި އެއްބަސްވުމުގެ ދަށުން އާރުއެލްޓީއިން ރަޝިޔާ، ސީއައިއެސް، މެދު އަދި އިރުމަތީ ޔޫރަޕްގެ މާކެޓްތަކުގައި ބައިވެރިވާ ހުރިހާ އިވެންޓްތަކާއި، ޕްރޮމޯޝަންތަކުގައި (އޮންލައިން އަދި އޮފްލައިން) އެމްއެމްޕީއާރުސީގެ ބްރޭންޑިން، ނަން، އަދި ލޯގޯ ބޭނުންކުރާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ޝައުގުވެރިވާ މަންޒިލުގެ ގޮތުގައި ދަމަހައްޓާ، ދުނިޔޭގެ ފެންވަރުގައި ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމަށް ރާއްޖޭގެ ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންސީތަކާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ރޫހުގެ ދަށުން ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީ އާއި އާރުއެލްޓީ ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ޔޫރަޕްގެ މާކެޓްތަކުގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ، މި މާކެޓުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެކަމަށް ބެލޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ތޮއްޔިބް މުހައްމަދު ވިދާޅުވީ ރިޒޯޓް ލައިފްއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތަކީ އެހެން ފަރާތްތަކަށްވެސް އޮތް މިސާލަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މި ޕާޓްނަޝިޕްގެ ސަބަބުން އިންޑަސްޓްރީ ޕާޓްނަރުންނާއެކު މިހާރު ވެސް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ހަރުދަނާ ކުރެވޭނެކަމަށް ލަފާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޮއްޔިބު މުހައްމަދު ވިދާޅުވީ ރިސޯޓް ލައިފްއާ އެކު ގާއިމްކުރެވުނު ޕާޓްނަޝިޕަކީ އެހެން ފަރާތްތަކަށް ރަނގަޅު ނަމޫނާއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިއީ ލޯކަލް ޓުއާ އޮޕަރޭޓަރުންނާއެކު އެމްއެމްޕީއާރުސީއިން ކުރާ މަސައްކަތް އިތުރަށް ފުޅާކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ތޮއްޔިބް ސިފަކުރެއްވި އެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ތެރޭގައިއާއި އަދި ކްރައިސިސްގެ ފަހުވެސް ރާއްޖެ އިޝްތިހާރުކޮށް، ޕްރޮމޯޓުކުރުމުގައި އަމިއްލަ ކުންފުނިތަކުން ފާހަގަކޮށްލެވޭ ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން އޭނާ ވިދާޅުވި އެވެ. އަދި ރިޒޯޓް ލައިފްފަދަ ކުންފުނިތަކާއެކު ކުރާ މަސައްކަތުން ރާއްޖެ ޕްރޮމޯޓުކުރަން އެންމެން އެކުގައި ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ވާނެކަމަށް ތޮއްޔިބް ވިދާޅުވި އެވެ.

ދުނިޔޭގެ ފެންވަރުގައި މަންޒިލް މާކެޓް ކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީން ދަނީ އެކި ފަތުރުވެރިކަމުގެ އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުންނާއި ޑީއެމްސީތަކާއި އެއަރލައިންތަކާއި ޕީއާރު އެޖެންސީތަކާއި އެހެނިހެން ފަރާތްތަކާއެކު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެ ކުންފުނީގެ އަޒުމަކީ، ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމާއި، ގްލޯބަލް މާކެޓްތަކުން ރާއްޖެއަށް އައުމަށް ފަތުރުވެރިން ބުކިން ހަދާ މިންވަރު އިތުރުކޮށް، އެރައިވަލްސް އިތުރުކުރުމެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފަ އެވެ. މީގެ ތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފަ އެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކާއި މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފަ އެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، "ވޯލްޑް ޓްރެވަލް އެވޯޑްސް" (ޑަބްލިއުޓީއޭ) 2021ގައި "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުން ވެސް ރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ހާސިލްކޮށްފަ އެވެ.