ބޭންކް އޮފް މޯލްޑިވްސް އިން ދޭ ދެ މިލިއަން ރުފިޔާގެ ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވައިފި އެވެ.

މިދިޔަ ޖެނުއަރީ މަހު ބީއެމްއެލް ސްޓާޓަޕް ގްރާންޓް އިފްތިތާހު ކުރީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގަ އެވެ.

މި ގޮތުން ހޮވާލެވޭ ހަތަރު ވިޔަފާރިއަކަށް 500،000 ރުފިޔާގެ ހިލޭ އެހީ ލިބެ އެވެ.

ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ހަތަރު ފަރާތަކީ:

  1. މުހައްމަދު ނަޒްލީ އަދި އައިޝަތު ޝައްމަ މުހައްމަދު (ނިރިސް އެސް އެމްބްރޮއިޑެރީ) ހިންގަމުންދާ އެމްބްރޮއިޑެރީ ވިޔަފާރި ފުޅާކުރުމަށް.
  2. އާމިނަތު އިރާޝާ (ކިޑްސް ޒޯން) ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް ލަކުޑިން ގިނަބާވަތުގެ ތަކެތި ތައްޔާރު ކުރަން ދަސްކޮށްދިނުމަށް އަލަށް ފަށާ ވިޔަފާރިއެއް.
  3. ހައްވާ ސޫޒަން (ހައްވަން ކޭކްސް) ގޭގައި ހިންގަމުންދާ ކޭކު އަޅާ ވިޔަފާރި ފުޅާކޮށް ބޭކަރީ އެއް ހަދައި މި ދާއިރާއިން ތަމްރީން ދިނުން.
  4. އައިޝަތު ލިއުޝާ (ކްލައިމެޓް ސްމާޓް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް) ހިންގަމުންދާ ވިޔަފާރި ފުޅާކޮށް ތިމާވެށްޓާ ރަށްޓެހި ގޮތްތައް ބޭނުންކޮށްގެން ދެމެހެއްޓެނެވި ގޮތެއްގައި ދަނޑުވެރިކަންކުރުން.

ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ސްޓާޓަޕް ގްރާންޓަށް މިއަދު މި ހޮވުނު ފަރާތްތަކަކީ އެފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ކުރިއަރުވަން ޕްލޭން ތައްޔާރުކޮށް އެ ޕްލޭން ހުށަހަޅައިދިން ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި ހަމަ އެހެންމެ އުފެދެމުން އަންނަ ވިޔަފާރިވެރިން ކަމަށެވެ.

"މި ވިޔަފާރިތައް ހޮވާފައި ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން ހުށަހެޅުނު 100 އަށް ވުރެ ގިނަ ފަރާތްތަކާ ވާދަކޮށްގެން. މި ވިޔަފާރިތައް ކުރިއެރުވުމުގައި އެހީތެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި ވިޔަފާރިތަކުން އައު ވަޒީފާގެ ފުރުސަތުތައް ހުޅުވާލައި، މުޖުތަމައަށް ހެޔޮ ބަދަލެއް ގެނުވުން،" ޓިމް ވިދާޅުވި އެވެ.

އެ ބޭންކުން ބުނިގޮތުގައި ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދިޔަ ވަރަށް ވެސް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހު އެވެ.

"ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ ދިހަ ފަރާތް ވަނީ ޝޯޓްލިސްޓްކޮށްފައި. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހެޅުނު،" ބީއެމްއެލް އިން ބުންޏެވެ.

ސްޓާޓަޕް ގްރާންޓަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިން ތިންވަނަ ހަރަކާތުގެ ގޮތުގައި ޖަނަވަރީ މަހުގައި ތައާރަފްކުރި ފަންޑެކެވެ.