ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އިތުރަށް ވަރުގަދަ ކުރުމަށްޓަކާ މާފަންނުގައި އިތުރު ޓްރާންސްފޯމަރެއް ބަހައްޓައިފި އެވެ.

ސްޓެލްކޯއިން ބުނީ މި ޓްރާންސްފޯމަރާއެކު ކޭބަލްތަކަށް މައްސަލަތައް ދިމާވެ ކަރަންޓު ކެނޑި އެހެން ސަރަޙައްދުތަކުން ކަރަންޓު ފޯރުކޮށް ދޭން ކުރާ މަސައްކަތުގައި މާލޭގެ ބޮޑުބަޔަކުން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލެއް އަންނާނެ ކަމަށެވެ

ގްރޭޓަ މާލެ ސަރަޙައްދުގައި ކަރަންޓު ފޯރުކޮށްދެމުން އަންނަ ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ނަމަވެސް ވަޅުލާފައި ހުންނަ ކޭބަލްތަކަށް އެކި ކަހަލަ ގެއްލުންތައްވެ، ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވެ އެވެ.

މިގޮތަށް މައްސަލަ ދިމާވުމުން އެހެން ސަރަޙައްދެއްގައި ހުންނަ ޑިސްޓްރިބިއުޝަން ފޮއްޓަކުން ކަރަންޓު ފޯރުކޮށްދޭން ކުރާ މަސައްކަތުގައި ޕީކް ގަޑިތަކުގައި ގިނަފަހަރަށް ބޮޑު ބަޔަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮވެ އެވެ. އެހެންކަމުން ޑިސްޓްރިބިއުޝަން ނެޓްވޯކް ވަރުގަދަ ކުރުމަށްޓަކާ ސްޓެލްކޯއިން މިހާރު ވަނީ މާފަންނު ސަހަރާ ސަރަޙައްދުގައި ދޭއް އެމްވީއޭގެ ޓްރާންސްފޯމަރެއް ބަހައްޓާފަ އެވެ.

ސްޓެލްކޯގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އިތުރަށް ވަރުގަދަކޮށް، ޑިސްޓްރިބިއުޝަން ކެޕޭސިޓީ އިތުރުކުރަން އައު ޓްރާސްންފޯމަރެއް މާފަންނު ސަހަރާ ހިމެނޭ ސަރަހައްދުގައި ބަހައްޓަނީ. ފޮޓޯ: ސްޓެލްކޯ

މީގެ ސަބަބުން އެހެން ސަރަޙައްދުތަކުން ކަރަންޓު ކެނޑޭ ޙާލަތްތަކުގައި މި ޓްރާންސްފޯމަރުން ކަރަންޓު ފޯރުކޮށްދިނުމުގައި ބޭނުންކުރަން ފެށުމުން ބާރު ބޮޑުވެގެން އެހެން ސަރަޙައްދުތަކުން އެއްވަގުތަކާއި ކަރަންޓު ކެނޑުމުގެ މައްސަލައަށް ޙައްލު އަންނާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

މާލެއާއި ހުޅުމާލެއާއި ހުޅުލެއަށް ބޭނުންވާ މިންވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ކުރިއަށްގެންދާ ހަކަތައިގެ ބިޔަ މަޝްރޫއު "ފިފްތް ޕަވަ ޕްރޮޖެކްޓް"ގެ ދަށުން އެއް ވިއުގައަކުން ގުޅާލައި ހަކަތަ ފޯރުކޮށްދޭން ވަނީ ފަށާފަ އެވެ. އެހެންނަމަވެސް ކަރަންޓު ކޭބަލްތައް ބުރިވެ ކަރަންޓު ކެނޑުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ.

މި މައްސަލަ ހައްލުކުރުމަށް މަގުމަތި ކޮނެގެން ކުންފުނިތަކުން މަސައްކަތްކުރާއިރު މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކުރެ އެވެ. އަދި މައްސަލައެއް ޖެހި ކޭބަލް ބުރިވި ނަމަވެސް އެކަން ލަސްނުކޮށް ސްޓެލްކޯއަށް އެންގުމަށް ސްޓެލްކޯއިން އެދެ އެވެ.

ކަރަންޓު އަޕްގެރޭޑްކުރުމުގެ އިތުރުން މާފަންނު މާވެޔޮ މިސްކިތް ކައިރީގައި ހުރި ޓްރާންސްފޯމަރު އެތަނުން ނެގުމުގެ މަސައްކަތް ވެސް ސްޓެލްކޯއިން އަންނަނީ މިހާރު ކުރަމުންނެވެ. އެގޮތުން މި ޓްރާންސްފޯމަރު ބަހައްޓަން ކަނޑައަޅާފައިވާ ސަރަޙައްދު ހަމަޖެހި ވަރަށް އަވަހަށް މިމަސައްކަތް ފަށައިގަނެވޭނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.