ޔުނިވާސަލް އެންޓަޕްރައިސަސްގެ ހިއްސާ އޮތް ދެ ރިސޯޓެއް ކަމަށްވާ ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓާއި ޑަބްލިއު މޯލްޑިވްސް ވިއްކާލައިފި އެވެ.

ޕްރޮޕަޓީ ވިއްކުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ، ރިއަލް އެސްޓޭޓް ކުންފުނި ޖޭއެލްއެލް އިން މިއަދު ނެރެފައިވާ ބަޔާނުގައިވާ ގޮތުން އެ ދެ ރިސޯޓު ވިއްކާލުމާ އެކު ރާއްޖޭގައި ހިންގާފައިވާ ޓްރާންސެކްޝަނުގެ އަދަދު ދެ ބިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ. ޔުނިވާސަލްގެ އިތުރުން އެ ދެ ރިސޯޓުގެ ހިއްސާ އޮންނަނީ ދުނިޔޭގެ އެންމެ މަޝްހޫރު ހޮޓެލް ޗެއިން މެރިއޮޓްގެ އެވެ.

އެ ދެ ރިސޯޓް ވިއްކާލި އަގެއް ވެސް އަދި ހާމައެއްނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި މި ދެ ރިސޯޓު ވިއްކާލި އަގު 200 މިލިއަން ޑޮލަރާ ގާތްކުރެ އެވެ. އަދި އެ ދެ ރިސޯޓު ވިއްކާލީ އެމެރިކާގެ ޕްރައިވެޓް އިއުއިޓީ ކުންފުންޏަކަށެވެ.

ޖޭއެލްއެލް އިން މިއަދު ބުނީ މިއީ މިހާތަނަށް ރާއްޖޭގައި ހިންގި ވިޔަފާރީގެ އެންމެ ބޮޑު އެއް މުއާމަލާތް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އެ ކުންފުންޏެއްގެ ދެ ރިސޯޓެއް ވިއްކާލި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ޖޭއެލްއެލް އިން ބުނީ އެ ދެ ރިސޯޓު ވިއްކާލުމުން، ރިސޯޓު ހިންގާ މެރިއޮޓަށް ވަރަށް ބޮޑު ފައިދާއެއް ވާނެ ކަމަށެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ވިއްކާފައިވާ ޖޭއެލްއެލް އިން މީގެ ކުރިން ރާއްޖޭގައި ވިޔަފާރީގެ މުއާމަލާތް ހިންގާފައިވަނީ 2019 ވަނަ އަހަރު ކޮންޑްރަޑް މޯލްޑިވްސް ރަންގެލި އައިލެންޑް އަދި އަނަންތާރާ ދިގު ވެލި އަދި ނަލަދޫ ވިއްކާލުމުގައި އެހީތެރިވެފަ އެވެ. މީގެ އިތުރުން 2015 ވަނަ އަހަރު އެ ކުންފުނި މެދުވެރިކޮށް ޝެވަލް ބްލަންކް ވަނީ ވިއްކާލައިފަ އެވެ.

ޖޭއެލްއެލްގެ ހެޑް އޮފް އިންވެސްޓްމެންޓް ސޭލްސް ނިހާތު އަރުކަން ވިދާޅުވީ، މިފަދަ ވިޔަފާރީގެ މުއާމަލާތްތަކުން އެނގެނީ ދަތުރުފަތުރު ކުރުމުގައި ބޮޑެތި ދަތިތައް ހުރި ދުވަސްވަރެއްގައި ވެސް ރާއްޖެއިން ޓޫރިޒަމް ދާއިރާގައި ހޯދާ ކާމިޔާބީތައް ކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން ވެސް ރާއްޖެ ބަލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި 15 ރިސޯޓަށް ވުރެ ގިނަ ރިސޯޓު ވަނީ ވިއްކައިފަ އެވެ.

މާލެ ކައިރީގައި އޮންނަ ޝެރެޓަން ފުލްމޫނު ރިސޯޓުގައި 176 ކޮޓަރި ހުންނަ އިރު އެކި ފެންވަރުގެ ހާއްސަ ވޯޓާ ވިލާ، ބަންގަލޯ، ބީޗް ވިލާތައް ހުރެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ރިސޯޓަށް 15 މިނެޓް ތެރޭގައި ދެވޭނެ އެވެ.

އއ. ފެސްދޫގައި ހިންގާ ޑަބްލިއު މޯލްޑިވްސްގައި 77 ކޮޓަރި ހަދާފައި ވަނީ ވަރަށް ތަނަވަސް ޖާގައެއްގަ އެވެ. އެ ރިސޯޓުގައި ހަ ރެސްޓޯރެންޓް ހުރެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ރިސޯޓަށް ލޯންޗުގައި 25 މިނެޓުން ދެވޭނެ އެވެ.

ރިއަލް އެސްޓޭޓް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ޖޭއެލްއެލްގެ އާމްދަނީ މިދިޔަ އަހަރު 19 ބިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ. އެ ކުންފުނީގެ ފައިދާ 950 މިލިއަން ޑޮލަރުގައި ހުރި އިރު ދުނިޔޭގެ އެކި ހިސާބުތަކުގެ ޕްރޮޕަޓީތައް ވިއްކުމުގައި އެކުންފުނިން ހަރަކާތްތެރިވެ އެވެ. އެ ކުންފުނިން މިހާރު ދުނިޔޭގެ 80 ގައުމެއްގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.