ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ފަސް މަސް ދުވަހަށް ފުދޭ މިންވަރަކަށް ބޭރު ފައިސާ އެބަހުރި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

\ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަކަށް ލިޔުމުން ފޮނުއްވި ޖަވާބުގައި އަމީރު ވިދާޅުވީ ޖޫން މަސް ފެށުނުއިރު ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު ކަމަށާއި، މި ހިނގާ ޖޫން މަހާއި ކުރިއަށް އޮތް ޖުލައިމަހު 130 މިލިއަން ޑޮލަރަށް ވުރެ ގިނައިން ދަރަނި އަނބުރާ ދެއްކުމަށް ހޭދަކުރަން ޖެހޭ ކަމަށެވެ. އަދި މި 130 މިލިއަން ޑޮލަރުގެ އިތުރުން، މި ދެ މަހުގެ ބަޖެޓުކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެެއް ކަމަށާއި، ޖުލައި މަސް ނިމޭއިރު، ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިހާ ދުވަހަކަށް ފުދޭނެ މިންވަރަކަށް ކާޑާއި، ތެލާއި ބޭހުގެ ފައިސާ ހުންނާތޯ އީވާގެ ސުވާލުގައިވެ އެވެ.

އެ ސުވާލަށް މިނިސްޓަރު އަމީރު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ ބޭރު ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުން ކުރެވޭ ފައިސާ ނުވަތަ ޔޫސަބަލް ރިޒާވަކީ މިވަގުތު އެމްއެމްއޭއިން ޝާއިއުކުރާ އަދަދުތަކެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ލިބެން ހުރި މައުލޫމާތައް ބަލާއިރު ފިނޭންސް މިނިސްޓްރީއަށް އަންދާޒާކުރެވޭ ގޮތުގައި މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި، ތެލާއި، ބޭހުގެ އިމްޕޯޓުގެ ގާތްގަނޑަކަށް ފަސް މަސް ދުވަހަށް ފުދޭ މިންވަރުގެ ޔޫޒަބަލް ރިޒާވް ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް މެނޭޖްކުރުން ގާނޫނީ ގޮތުން ހަވާލުކުރެވިފައި ވަނީ އެމްއެމްއޭއަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ރިޒާވްގެ ތަފާސް ހިސާބުތައް ބަލަހައްޓައި އަންދާޒާތައް ތައްޔާރުކުރުމަކީ ވެސް އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އެހެންކަމުން މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު އެމްއެމްއޭއިން ހޯދުމަށް ވެސް ފިނޭންސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން މީގެ ކުރިން މިނިސްޓަރު އަމީރު ވިދާޅުވެފައި ވަނީ އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ކުރިން ކޮވިޑް ހުރި ހިސާބަަށް ދާނެ ކަމަށެވެ. އަދި ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރު މުއްދަތުގެ ގޮންޖެހުންތަކެއް ނެތްކަމަށާއި، ދަރަނި ދެއްކުމުގެ ގާބިލުކަން އެބަހުރި ކަމަށާއި މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށް ވެސް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައިވެ އެވެ.