ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ތަރައްގީކޮށްފައިވާ ތިން ޓަވަރުން ފްލެޓު ލިބުނު މުވައްޒަފުންގެ މެދުގައި ގުރު އަތުލައިފި އެވެ.

އެމްއެންޔޫގެ އޮޑިޓޯރިއަމްގައި ބޭއްވި ގުރުނެރުމުގެ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ ތިން ކޮޓަރީގެ ފްލެޓްތަކުގެ ގުރުނެގުމެވެ. އަދި އޭގެ ފަހުން އެއް ކޮޓަރީގެ ފްލެޓްތަކުގެ ގުރުނެގުން ވެސް ވަނީ ބާއްވާފަ އެވެ.

މި މަޝްރޫއުގެ ދަށުން އެމްޕީއެލުން ތަރައްގީކުރަމުންދަނީ 15 ބުރީގެ ތިން ޓަވަރެވެ. މީގެ ތެރޭގައި އެއް ކޮޓަރީގެ 204 ފްލެޓާއި ތިން ކޮޓަރީގެ 330 ފްލެޓް ހިމެނެ އެވެ.

މި ފްލެޓްތަކަށް ސަރުތު ހަމަވި މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބުނު މުވައްޒަފުންގެ ލިސްޓުތައް އެކުންފުނިން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.

އެމްޕީއެލްއިން ބުނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން 2017 ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެކުންފުނިން ތަރައްގީކުރާ ތިން ޓަވަރުގެ މަސައްކަތްވެސް މިހާރު ނިމުމާކައިރިވެފައިވާ ކަމަށެވެ. އަދި މި ޓަވަރުތަކުގެ މަސައްކަތް ފުރިހަމަކުރުމަށް ކޮންޓްރެކްޓަރަށް މިހާރު ދީފައިވާ މުއްދަތަކަކީ އަންނަ އޮކްޓޯބަރުމަހުގެ ނިޔަލަށް ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.