ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށް 5 ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފި އެވެ.

އެ ބޭންކުން ބުނީ ހިޔާގައި ތިބި ކުދިން އޮންލައިންކޮށް ތައުލީމް ހޯދުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ހިޔާ އަށް ހަދިޔާކުރެވުނު ކޮމްޕިއުޓަރުތަކެއް ކަމަށެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސަޢީދު ވިދާޅުވީ ކުޑަކުދިންގެ ހިޔާއަށް އެ ތަކެތި ހަދިޔާކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ކޮމްޕިއުޓަރުތައް ހަދިޔާ ކުރެވިފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ސްކޫލްތަކުން ފިލާވަޅުތައް ދިނުން އޮންލައިކޮށް ބަދަލު ކުރުމާ ގުޅިގެން ހިޔާގައި ތައުލީމް ހާސިލްކުރަމުންދާ ކުދިންނަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން. އަޅުގަނޑުމެންގެ އުއްމީދަކީ މި ހަދިޔާކުރެވުނު ކޮމްޕިއުޓަރ ސާމާނުގެ އެ ކުދިންގެ އޮންލައިން ކްލާސްތައް ކުރިއަށް ގެންދިޔުމުގައި އިތުރު އެހީ އަކަށް ވެގެން ދިޔުން. އަދި މީގެ ސަބަބުން އެކުދިންގެ ކިޔެވުމާއި ހުނަރު ތަރައްގީކުރުމާއި ކަންކަމުގައި ބައިވެރިވުމަށްވެސް އެހީއަކަށް ވެގެން ދިޔުން،" ސައީދު ވިދާޅުވި އެވެ.

މިއަހަރު ކުރީކޮޅު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ 10 ރަށެއްގައި ހިންގާ ސްކޫލްތަކުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފަ އެވެ.

ތައުލީމީ ދާއިރާއަކީ ބީއެމްއެލްގެ ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ދާއިރާކަމަށްވާތީ ބޭންކުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުން އަންނަ ޖަމިއްޔާތަކާއި ސްކޫލްތަކާ ގުޅިގެން ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެ ބޭންކުން ބުންޏެވެ.