ނުވަ އަހަރުގެ މެދުކެނޑުމަކަށް ފަހު އަނެއްކާ ވެސް "ހިލްޓަން" ބްރޭންޑްގެ ރިސޯޓެއް ރާއްޖޭގައި މިއަދު ހުޅުވައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން، އެމެރިކާގެ ހިލްޓަން ހޮޓެލްސް އެންޑް ރިސޯޓުގެ ހަތަރު ވަނަ ރިސޯޓުގެ ގޮތުގައި "ހިލްޓަން" ބްރޭންޑްގެ ރިސޯޓެއް ހުޅުވީ މާލެ ކައިރީގައި ހިއްކައިގެން ތަރައްގީކުރި "އަމިން ގިރި" ގަ އެވެ. އެ ރިސޯޓަށް ފުރަތަމަ އައި ޓޫރިސްޓުންނަށް މިއަދު ވަނީ މަރުހަބާ ކިޔައިފަ އެވެ.

ހިލްޓަން ބްރޭންޑްގެ ރިސޯޓެއް ރާއްޖޭގައި އެންމެ ފަހުން ހުޅުވީ ސަން ޓްރެވަލް އިން ތަރައްގީކުރި ނ. މެދުފުށީގައި "ހިލްޓަން މޯލްޑިވްސް އިރުފުށި ރިސޯޓް އެންޑް ސްޕާގެ ނަމުގައި ޖުލައި 2009 ގަ އެވެ. ނަމަވެސް ސަން ޓްރެވަލްއާއެކު ހެދި އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ އެ ރަށުން ހިލްޓަން ބޭރުކުރީ މެއި 1، 2013 ގަ އެވެ.

އެ މައްސަލައާ ގުޅިގެން ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމާފައިވެ އެވެ.

މާލެ ކައިރީގައި ހިއްކައިގެން ތަރައްގީކުރީ "އަމިން ގިރި" ހެދި ހިލްޓަން ރިސޯޓުގެ ވިލާއެއް.

ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، އަމިން ކޮންސްޓްރަކްޝަން އިން ތަރައްގީކުރި ރަށުގައި ހިލްޓަން އިން ހުޅުވީ 109 ވިލާ ހިމެނޭ އެންމެ މަތީ ފެންވަރުގެ ރިސޯޓެކެވެ.

މި ރިސޯޓު އޮންނަނީ އަމިން އިން ކުރިން ތަރައްގީކޮށް ވިއްކި ކ. ކޮއްދިއްޕަރާ އެއް ފަޅެއްގަ އެވެ. ކޮއްދިއްޕަރުގައި ހުޅުވާފައިވަނީ ސިންގަޕޫރުގެ ކުންފުންޏަކުން "ގްރޭންޑް ޕާކް ކޮއްދިއްޕަރު"ގެ ނަމުގަ އެވެ.

"ހިލްޓަން މޯލްޑިވްސް"ގެ ނަމުގައި ހުޅުވާ ރިސޯޓަކީ ހިލްޓަން ހޮޓެލްސްގެ ހަތަރު ވަނަ ރިސޯޓެވެ. މީގެ ކުރިން އެ ކުންފުނިން ވަނީ އދ. ރަނގަލީގައި ކޮންރަޑް މޯލްޑިވްސްގެ ނަމުގައި ރިސޯޓެއް ހުޅުވައިފަ އެވެ. އެ ރިސޯޓު ފުރަތަމަ ހުޅުވީ ހިލްޓަން މޯލްޑިވްސްގެ ނަމުގަ އެވެ. ކޮންރަޑްއަކީ ހިލްޓަންގެ އެންމެ އަގުބޮޑު އެއް ބްރޭންޑެވެ.

މީގެ އިތުރުން މާލެ ކައިރީގައި އޮންނަ ކްރޮސް ރޯޑްސްގައި ވަނީ ސައި ލެގޫން މޯލްޑިވްސް ކިއުރިއޯ ކަލެކްޝަންގެ ނަމުގައި ރިސޯޓެއް ހުޅުވައިފަ އެވެ. އަދި އެ ކުންފުނިން އެންމެ ފަހުން ހުޅުވީ މާލެ އަތޮޅުގައި އޮންނަ އިތާފުށީގައި "ވޮލްޑޮފް އެސްޓޯރިއާ"ގެ ނަމުގަ އެވެ. އެއީ ވެސް އެ ކުންފުނީގެ އެންމެ އަގުބޮޑު އެއް ބްރޭންޑެވެ.

މާލެ ކައިރީގައި ހިއްކައިގެން ތަރައްގީކުރީ "އަމިން ގިރި" ހެދި ހިލްޓަން ރިސޯޓުގެ ވިލާއެއް.

އަމިން ގިރިއަކީ މާލެއިން ފުރައިގެން 15 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށެކެވެ.

އެ ރިސޯޓުގައި ހިމެނޭ 109 ވިލާގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ހިމެނެ އެވެ. އެއިން ކޮންމެ ވިލައެއް ޕްރައިވެޓް ޕޫލް އޮވެ އެވެ.

އަމީންގިރި ރިސޯޓުގައި އެންމެ އަގުހެޔޮކޮށް ލިބެން ހުންނަނީ ރެއަކަށް 793 ޑޮލަރު ނަގާ އެއް ކޮޓަރީގެ ވޯޓާ ވިލާތަކެވެ.

ދުނިޔޭގެ 94 ގައުމެއްގައި ހިލްޓަންގެ 584 ހޮޓާ ހިންގަ އެވެ.