މިފްކޯ އިން މަސްގަންނަން ބޭނުންކުރާ "ރަންދި 20" އަށް އަހަރަށް ފަހު، މަރާމާތުކޮށްގެން މަސްގަންނަ އޮޕަރޭޝަނަށް ނެރެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މަސް ގަންނަ ކުންފުނިން ބުނީ އުތުރުގެ މަސްވެރިކަން ރަނގަޅުވަމުން އަންނައިރު، 38 މެޓްރިކް ޓަނުގެ މަސްކިރޭ އެ ބޯޓު ހަރަކާތްތެރިވާން ފެށުމުން މަސްވެރިނަށް މަސްކިރުވުމުގައި ދިމާވެފައިވާ ދަތިތަކަށް ލުޔެއް ލިބޭނެ ކަމަށެވެ.

މިފްކޯ އިން ވަނީ ރަންދި 20 މަރާމާތުކުރުމުގައި ހަރަކާތްތެރިވި މިފްކޯގެ ޓެކްނިކަލް ޓީމަށް ޝުކުރު އަދާކޮށްފަ އެވެ.

"މިފްކޯއިން މިމަސައްކަތްކުރަނީ ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ދިވެހިން މަސްވެރިންގެ ހިދުމަތުގައި،" އެ ކުންފުނިން ބުންޏެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މިފްކޯގެ ބޯޓުތައް މަރާމާތު ކުރުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.

އެ ކުންފުނީގައި މަސްކިރުވުމަށް ބޭނުން ކުރާ 10 ބޯޓު އޮވެ އެވެ. އޭގެ އިތުރުން ސްޓޯރޭޖް އަދި ފްރީޒް ބޯޓުތަކާއެކު މުޅި ޖުމްލަ 14 ބޯޓު މިފްކޯގެ ފްލީޓުގައި އޮންނަ ކަމަށް މިފްކޯއިން ބުންޏެވެ. މީގެ ތެރެއިން މަސްކިރުވުމުގައި އުތުރުގައި ހަރަކާތްތެރިވަނީ އެންމެ ދެ ބޯޓެވެ.