މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން 680 ކޮންޓެއިނަރު އުފުލޭ އިތުރު ބޯޓެއް ގަނެފި އެވެ.

އެ ކުންފުނީގެ ފުރަތަމަ އަމިއްލަ ބޯޓު "އެމްއެސްއެސް ގެލީނާ" މިދިޔަ އަހަރުގެ ނޮވެމްބަރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެއީ ވެސް 680 ކޮންޓެއިނަރު އުފުލޭ ބޯޓެކެވެ. އަދި "އެމްއެސްއެސް ކްރޯމް" އަދި މިއަދު ގަތް "އެމްއެސްއެސް ގްރެފިން" އާއެކު މިހާރު އަމިއްލަ ތިން ބޯޓު އެ ކުންފުނީގައި އޮވެ އެވެ.

އެ ކުންފުނިން ޗާޓަރަށް ބޯޓެއް ގެނެސް 2020 އޭޕްރީލް މަހުގެ 5 ވަނަ ދުވަހު ޚިދުމަތް ފަށާފައިވާއިރު، ސްރީލަންކާއާއި ރާއްޖެއާ ދެމެދު ކޮންމެ ދިހަ ދުވަހަކުން ދަތުރެއް ކުރި އެވެ.

އެމްއެސްއެސްގެ މައި ހިއްސާދާރު އެސްޓީއޯ އިން ބުނީ މިފަހަރު ގަތް 680 (ޓީއީޔޫ)ގެ ބޯޓުން މެލޭޝިއާ އަދި ސިންގަޕޫރުން ރާއްޖެއަށް ސީދާ ކާގޯ ގެނެވޭނެ ކަމަށެވެ.

އެސްޓީއޯ ހެޑް އޮފީހުގެ ޓެރަސްގައި މިއަދު މެންދުރު އޮތް މި ބޯޓު ގަތުމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އަދި ބޯޓު ވިއްކި ޖަރުމަނުގެ ކެންޑްލާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޮނަސް ކެލާ އެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން އުފައްދާފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

އެ ކުންފުނި އުފެއްދީ ރާއްޖޭގައި ކުރިން އޮތް ޝިޕިން ލައިން އަލުން ދިރުވައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށެވެ. އެމްއެސްއެސް ހިންގަމުން އަންނަތާ ދެ އަހަރުވީ އިރު ކުންފުނީގެ އާމްދަނީ އަންނަނީ ވަރަށް ބޮޑަށް ފުޅާކުރަމުންނެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 141 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.