މަންޓާ އެއާއިން އިތުރު ދެ ސީޕްލޭން މިމަހުގެ ތެރޭގައި ގެންނާނެ ކަމަށް ބުނެފި އެވެ.

އެތެރޭގެ އުދުހުމުގެ ހިދުމަތްދޭ އެއާލައިންގެ އޮފިޝަލަކު ވިދާޅުވީ މިމަހުގެ ތެރޭގައި ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް އިތުރު ދެ ސީޕްލޭން މިމަހުގެ ތެރޭގައި ރާއްޖެ ގެންނާނެ ކަމަށެވެ. އަދި މިހާރު އަންނަނީ ބޯޓުތައް ގެނައުމުގެ ތައްޔާރީތައްވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީޕްލޭން ހިދުމަތުގެ ޑިމާންޑް އިތުރުވަމުން އަންނާތީ މިއަހަރުގެ ތެރޭގައި އިތުރު ބޯޓުތައް ގެންނަން ނިންމާފައިވޭ. އެގޮތުން އިތުރު ދެ ބޯޓު މިމަހުގެ ތެރޭގައި ގެނައުމަށް ވަނީ ނިންމާފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

މަންޓާއިން އަލަށް ގެންނަ ސީޕްލޭން ކެނެޑާގެ ހެނގަރަކަށް ގެންދިއުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ކުރަނީ.

މަންޓާ އެއާއިން މިފަހަރު ވެސް ގެންނަނީ މިހާރު ބޭނުންކުރަމުން އަންނަ ޓުވިން އޮޓާ ޑީއެޗްސީ 6300 މަރުކާގެ ދެ ބޯޓެކެވެ. މި ބޯޓު ވެސް ގެންނަނީ ކެނެޑާއިންނެވެ.

އެ އެއާލައިނުން މިހާރު ވެސް 11 ސީޕްލޭން އޮޕަރޭޓްކުރެ އެވެ. އަދި ޑޮމެސްޓިކް އެއާޕޯޓުތަކަށް ދަތުރުކުރަން މަންޓާއިން އޭޓީއާރު 72 މަރުކާގެ ތިން މަތިންދާބޯޓު ބޭނުންކުރެ އެވެ.