ދިވެހި ފައިސާގެ ނިޝާނުގެ ގޮތުގައި ތާނައިގެ "ރ" އެއް ހިމެނޭ ނިޝާނެއް ފުރަތަމަ ފަހަރަށް ތައާރަފްކޮށްފި އެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފައިސާގެ ނިޝާން ލޯންޗުކޮށްދެއްވީ އެންވަޔަރުމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.

މި ނިޝާން ފަރުމާކުރީ، މ. ސްޕޮޓްލައިޓް، ހުސެއިން ސުޖާއު އެވެ.

އެމްއެމްއޭ އިން ބުނީ ދިވެހި ނިޝާން ފަރުމާކުރުމަށް މިދިޔަ އަހަރު ހުޅުވާލުމުން ޖުމްލަ 70 ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. މި ޑިޒައިން، ދިވެހި ފައިސާގެ ނިޝާންގެ ގޮތުގައި ކަނޑައެޅީ އެކަމަށް ހާއްސަކޮށްފައިވާ ފަންނީ ޖަޖުންގެ ޕެނަލަކުން ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް ބޭނުންކުރާ ގޮތަށް، ދިވެހި ފައިސާގެ ނިޝާންގައި ވެސް ތާނަ އަކުރު "ރ" ގައި ކައްޗަށް އިތުރު ރޮނގުބުރިއެއް އިނދެ އެވެ. މިގޮތަށް ރޮނގުބުރި އިންޑިއާ ރުޕީސް، ސްޓާލިން ޕައުންޑް، ޔޫރޯ، ޗައިނީސް ޔުއާން، ޖަޕަނީސް ޔެންގައި ވެސް ރޮނގުބުރި އެއް ހުރަހަށް ދަމާފައިހުރެ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ، ދިވެހި ފައިސާގެ ނިޝާނުގައި ތާނަ އަކުރެއް ބޭނުން ކުރުމަކީ ލިބުނު ފަހުރެއް ކަމަށެވެ. އަދި މި ނިޝާން ވީހާ ވެސް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތްތައް ފަހިކުރުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވީ އެވެ.

ޝައުނާ ވިދާޅުވީ، ފައިސާގެ ނިޝާން ކަނޑައަޅާފައިވަނީ ދުނިޔޭގެ 50 ވަރަކަށް ގައުމެއްގައި ކަމަށާއި އެ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަކީ ލިބުނު އިތުރު ފަހުރެއް ކަމަށެވެ.

"ދިވެހި ހަކުރުގެ ސިފަ މިއަދުމި ތައާރަފް ކުރެވުނު ނިޝާންގައި ފެންނަން އެބަހުރި. މި ނިޝާން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ތެރެއަށް ވެއްދުމަށް އެންމެން ވެސް މަސަައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ އެ ނިޝާން ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ބޭނުންކުރެވޭނެ ގޮތެއް ހެދުން ވަރަށް މުހިންމު ކަމަށެވެ.

އެ ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މި ނިޝާނަށް އާންމުން އަހުލުވެރިކޮށް، ވީހާ ވެސް ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކަށް ހެދުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ އެކު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި މި ނިޝާން އިންޓަނޭޝަނަލް ފެންވަރެއްގައި ބަލައިގަންނަ "ޔުނިކޯޑް ސްޓޭޑާޑް" ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޕްރިންޓް ކުރާ ފައިސާގައި ވެސް މި ނިޝާން ހިމަނާނެ ކަމަށެވެ.

"ނިޝާން ފަރުމާކުރުމުގައި އަޅުގަނޑުމެން ބެލީ އާންމުންނަށް ފަސޭހައިން ބޭނުން ކުރެވޭނެ ފަދަ ޑިޒައިނެއް ހޯދުމަށް. ސުޖާއުގެ ޑިޒައިނުން އެކަންކަން އެބަ ހާސިލުވޭ،" އޭނާ ވިދާޅުވި އެވެ.

އަލަށް ތައާރަަފްކުރި ނިޝާނާ އެކު ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާނީ މި ނިޝާނެވެ. އަދި އެ ނިޝާން ބޭނުންކުރާ އުސޫލް ވެސް ވަނީ ކަނޑައަޅައިފަ އެވެ.