ސްޓެލްކޯއަކީ ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އިތުބާރުކުރާ ފަދަ ކުންފުންޏަކަށް ހަދަން ޖެހޭ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިފަދައިން ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކަސްޓަމަ ސާވިސް އެކްސެލެންސް ޓްރެއިނިން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދެމުން އަންނައިރު ހިދުމަތް ދިނުމުގެ ވައްޓަފާޅި ބަދަލުކޮށް ހިދުމަތުގެ ފެންވަރު މަތިކުރަން ޖެހިފައިވާ ކަމަށެވެ.

ކަރަންޓް މިނެޓަކަށް ކެނޑުނު ނަމަވެސް އަދި ބިލު ބޮޑުވެފައި ވީނަމަވެސް ސްޓެލްކޯއަކީ ހިންގުންތެރި ތަނަކަށް ނުވާ ކަމަށް ހިދުމަތް ލިބިގަންނަ މީހާ ދެކޭކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި މިގޮތަށް ކަންވެގެންދާ ކޮންމެ ފަހަރަކީ ސްޓެލްކޯގެ މެނޭޖްމެންޓާއި ސްޓާފުންނަށް ނޭދެވޭ އެތައްބަސްތަކެއް ރައްދު ވެގެންދާ ފަހަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުންފުނިން މިކަމާއިމެދު ވިސްނާ ފިކުރުކޮށް އަދި މި ސަގާފަތް ބަދަލު ވާނެ ގޮތެއް ހޯދަން އެބަ ޖެހޭ. އަޅުގަނޑުގެ ނަޒަރުގަ މިއީ ނުވާނެ އުދަގޫކަމެއް ނޫން. މިކަން ހާސިލްކުރުމަށްޓަކައި ފުރަތަމަ ބޭނުންވަނީ ހެޔޮ ނިޔަތެއްގަ އެންމެން ގުޅިގެން މިމަސައްކަތް ކުރުން،" ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯގެ 70 އެތައް އަހަރެއްވީ ދިގު ތާރީހުގައި އޮތް ސަގާފަތް ބަދަލުކުރަންޖެހޭކަމަށާއި ހިދުމަތް ލިބޭ ފަރާތްތަކުން ބޭނުންވާ ގޮތަށް ހިދުމަތްދޭ އުސޫލު ބަދަލުކުރަން ޖެހޭކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ސްޓެލްކޯއިން މިހާރު ވެސް ރައްޔިތުން އެދޭފަދަ ހިދުމަތްދޭ ކުންފުންޏަކަށް ހެދުމަށްޓަކައި ކުންފުނީގެ މުވައްޒަފުންނާއެކު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯއިން ކުރިއަށްގެންދާ ކަސްޓަމާ ސާވިސް އެކްސެލެންސް ޓްރެއިނިން ޕްރޮގްރާމަކީ ކުންފުންޏާ ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ކަސްޓަމަރުން އިތުބާރު ކުރާ ފަދަ ކުންފުންޏަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ކުންފުނީގެ 239 މުވައްޒަފަކަށް ޓްރެއިނިން ދިނުމަށްވަނީ ހަމަޖެހިފަ އެވެ.