ބޮޑު އީދަށް ބޭންކުތައް ބަންދުވާތީ މުހިންމު މުއާމަލާތްތައް މި ހަފުތާގައި ނިންމަން ބީއެމްއެލް އިން މިއަދު އެދެފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމަވާފައިވާ ގޮތަށް އީދު ބަންދާ ގުޅިގެން މި މަހުގެ 10-14 އަށް ބޭންކު ބަންދުވާނެ އެވެ. އެހެންވެ، މުހިންމު ބޭންކިންގެ ހިދުމަތްތައް މި ހަފްތާގައި ހޯދައި ނިންމުމަށް ބީއެމްއެލް އިން ވަނީ އެދިފަ އެވެ.

އީދު ބަންދަށް ފަހު ދެން ބޭންކު ހުޅުވޭނީ މި މަހުގެ 17 ވާ އާދިއްތަ ދުވަހު އެވެ.

"އީދު ބަންދާ ގުޅިގެން ކުރިއަށް އޮތް ހަފުތާގައި ބޭންކު ބަންދު ވާނެ. އެހެންކަމުން އަޅުގަނޑުމެންގެ އިލްތިމާސަކީ ކަސްޓަމަރުން ހިދުމަތް ހޯއްދެވުމުގައި ދަތިތަކެއް ދިމާނުވާނެހެން ކުރިން ޕްލޭންކޮށް ހިދުމަތްތަކަށް އެދި ހުށަހެޅުއްވުން،" ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

"ޓީޓީ، ޗެކް ޕޮރެސެސްކުރުމާއި ލޯކަލް ޓްރާންސްފާ ފަދަ މުހިންމު ހިދުމަތްތަކަކަށް މިވަނީ ސުންގަޑި ކަނޑައެޅިފައި، އެހެންކަމުން އެ ސުންގަޑީގެ ކުރިން ހިދުމަތަށް އެދި ހުށަހެޅުއްވުމަކީ ވަރަށް މުހިންމު ކަމެއް. ސުންގަޑި އަށް ފަހުން ލިބޭ ރިކުއެސްޓް އަދި ޗެކްތައް ޕްރޮސެސްކުރެވޭނީ ދެން ބޭންކު ހުޅުވޭ ދުވަހު."

ބީއެމްއެލް އިން ބުނީ ބޭންކް ބަންދުކުރިޔަސް އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިންގެ ހިދުމަތް ބޭނުންކުރެއްވޭނެ ކަމަށެވެ. ނަގުދު ފައިސާގެ މުއާމަލާތްތަކަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.