މުޅި ދުނިޔޭގައިވެސް ތަކެތީގެ އަގު ދަނީ އުފުލެމުން ކަމަށާއި އަދިވެސް ރާއްޖޭގައި ކާބޯތަކެއްޗާއި މުދަލުގެ އަގު އުފުލޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ކޮވިޑް19ގެ އާލަމީ ވަބާއަށްފަހު ގައުމުތަކުގައި ހިންގާފައިވާ ފުރަބަންދު ލުއިކުރުމުގެ ސަބަބުން އުފެދިގެން އައި ޑިމާންޑާއި ރަޝިޔާއާއި ޔޫކުރެއިނުގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗާއި ހަކަތައިގެ އަގު އުފުލުން ހިމެނޭ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދަކީ ހުޅުވާލެވިފައިވާ ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވާ އިގްތިސާދެއް ކަމުގައިވާތީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވާ ގޮންޖެހުންތަކުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މުޅި ދުނިޔޭގައި ވެސް ތަކެތީގެ އަގުތައް ދަނީ މަތިވަމުން. ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިނަށް އިތުރު ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި. އޭގެ ސަބަބުން ތަކެތީގެ އަގުތައް އިތުރަށް ދަނީ އުފުލެމުން. ތެލުގެ އަގު މި އަހަރު އުފުލުމަށް ފަހު ދިގު މުއްދަތަކަށް އަގުތައް މަތީގައި ހުންނާނެ ކަމަށް ބެލެވޭ. މި އަހަރުގެ ކުރިއަށް އޮތް ތަނުގައި ވެސް އަގުތައް މައްޗަށް ދާނެ. އެއީ ދުނިޔޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގުތައް އުފުލި، ތެލުގެ އަގުތައް ވެސް މައްޗަށް ދާތީ،" އަމީރު ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓް ހެދިއިރު ތަސައްވަރު ނުކުރާ އެތައް ކަމެއް މިހާރު ކުރިމަތިވެއްޖެ ކަމަށާއި މުޅި ދުނިޔެއަށް ވެސް އެ ގޮންޖެހުންތައް ވަނީ ކުރިމަތިވެފައި ކަމަށް އަމީރު ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުން ހުށަހަޅަނީ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާ އެއް ވަރަކަށް އާމްދަނީ އިތުރުކުރަން ވެސް ހަމަ އެ ވަރުގެ ފިޔަވަޅުތަކެއް އެޅުމަށް ކަމަށް އަމީރު ވިދާޅުވި އެވެ.

މިއަހަރު ކާބޯތަކެތީގެ އަގު އަދިވެސް ބޮޑުވާނެ ކަމަށް އަމީރު ވިދާޅުވެފައިވާއިރު މިހާރުވެސް ރައްޔިތުން އާއްމުކޮށް ބޭނުންކުރާ އަސާސީ ގިނަ ބާވަތްތަކުން ވަނީ އަގު ބޮޑުވެފަ އެވެ، ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އާޢްމު ރައްޔިތު މީހާއަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ނެތި، ތަކެތީގެ އަގު ބޮޑު ވަމުންދާއިރު އަނެއްކާވެސް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމުމެވެ.