Advertisement

މަންޓާ އެއާ އިން ކޫއްޑޫ ދަތުރުތައް މެދުކަނޑާލައި އެހެން ދަތުރުތައް މަދުކޮށްފި

FacebookTwitterWhatsAppTelegramViber

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ އަސަރުތަކާ ގުޅިގެން، މަންޓާ އެއާ އިން ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް މެދުކަނޑާލައި ބައެއް ރޫޓުތަކަށް ކުރާ ދަތުރުތަކުގެ އަދަދު މަދުކުރަން ނިންމައިފި އެވެ.

މަންޓާ އެއާ އިން ބުނީ، ގއ. ކޫއްޑޫ އެއާޕޯޓަށް ކުރާ ދަތުރުތައް މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އަދި ބ. ދަރަވަންދޫ އާއި ދ. ކުޑަހުވަދޫ އަށް ކުރާ ދަތުރުތަކުގެ އަދަދު މިހާރުން ފެށިގެން މަދުކުރަން ނިންމާފައިވާ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

މަންޓާ އެއާ އިން ބުނީ، މި ނިންމުން ނިންމަން ޖެހުނީ ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ބައެއް ގައުމުތަކުން މީހުން ރާއްޖެ އައުން މަނާކުރުމާ ގުޅިގެން ޑޮމެސްޓިކް ވައިގެ ދަތުރުފަތުރުގެ ޑިމާންޑް ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެން ވިޔަފާރި އަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ކަމަށެވެ. އަދި ވަރަށް ގިނަ ބުކިންތައް ކެންސަލްވަމުން ދިއުމަކީ ވެސް އެ ނިންމުން ނިންމަން ޖެހުނު ސަބަބެއް ކަމަށް ވެސް އެއާލައިނުން ބުންޏެވެ.

ދ. އަތޮޅަށް ކުރާ ދަތުރުތަކާ އެކު މިދިޔަ އަހަރުގެ ފެބްރުއަރީގައި ދަތުރުތައް ފެށި މަންޓާ އެއާ އިން ވަނީ، މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އިތުރު މަންޒިލްތަކަށް ދަތުރުކުރަން ފަށާފަ އެވެ. އެގޮތުން، ބ. ދަރަވަންދޫ އަދި ގއ. ކޫއްޑޫ އަށް މަންޓާ އިން މިހާރު ދަތުރުކުރެ އެވެ.

އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް، މަންޓާ އެއާގެ ފްލީޓުގައި އެންމެ ފަހުގެ އޭޓީއާރު 600-72 މަރުކާގެ މުޅިން އާ ތިން ބޯޓު އޮވެ އެވެ. މި ބޯޓުތަކުގެ ދެ ސީޓު ދޭތެރޭގައި ހުންނަ ޖާގަ ބޮޑުކޮށް، ފަސިންޖަރުންނަށް އަރާމުކޮށްލުމުގެ ފުރުސަތު ލިބޭނެ ގޮތް މަންޓާ އެއާ އިން ވަނީ ފަހިކޮށްދީފަ އެވެ.

މަންޓާ އެއާ އިން ވަނީ މިދިޔަ ނޮވެމްބަރު މަހު ސީޕްލޭންގެ ހިދުމަތް ވެސް ފަށާފަ އެވެ. މިއީ ރާއްޖޭގެ ފުރަތަމަ ޝެޑިއުލް ސީޕްލޭން ހިދުމަތެވެ. މި ހިދުމަތް ދިނުމަށް ހަ ސީޕްލޭން ގެނެސްފައިވެ އެވެ.

ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅިގެން، ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުވާނެކަމަށް ލަފާ ކުރެވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެ ރިސެޝަނަކަށް ދާނެ ކަމުގެ ބިރު ވެސް އެ މަނިކުފާނު ވަނީ މިދިޔަ ހަފްތާގައި ފާޅުކުރައްވާފަ އެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލި ޖެހިފައިވާ 13 މީހަކު ރާއްޖެ އިން ވެސް ފެނިފައިވާއިރު، އޭގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. ހާއްސަކޮށް، ރާއްޖޭގެ އެންމެ ބޮޑު ޓޫރިސްޓް މާކެޓް ކަމަށްވާ ޗައިނާ އަދި ދުވަސްވީ މާކެޓްތައް ކަމަށްވާ ދެކުނު ކޮރެއާ އަދި އިޓަލީން އަންނަ ފްލައިޓްތަކާއި ޓޫރިސްޓުންނަށް އައުން މަނާކުރުމާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެތީ، ދައުލަތުގެ ހަރަދު ކުރަކުރަން ފިޔަވަޅުތަކެއް އަޅަން ދައުލަތުގެ އިދާރާތަކަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ. އަދި އެފަދަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް ވަނީ އަންގާފަ އެވެ.

ފިނޭންސް މިނިސްޓްރީން އަންގާފައިވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެއްވެސް އާ މަގާމެއް ނުއުފެއްދުމާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމާއި އެއްވެސް އިތުރު އާ އެލަވަންސެއް ނުދިނުމާއި އިތުރު ގަޑީގައި މަސައްކަތް ކުރާ މިންވަރު ލިމިޓްކުރުމުގެ އިތުރުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުން ހިމެނެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top