ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން ތަރައްގީކޮށްފައިވާ ޓަވަރުގައި ނުވިކި ހުރި އެޕާޓްމަންޓްތައް ގަތުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިކުންފުނިން އިމާރާތްކޮށްފައިވާ ދެ ޓަވަރުގައި މިހާތަނަށް ނުވިކި ހުރި، އެޕާޓްމަންޓްތައް ގަތުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް ވިއްކަން ނިންމާ، މިހާރު ވަނީ އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ސްޓެލްކޯއި ތަރައްގީކޮށްފައިވާ ޓަވަރުގައި ނުވިކި ހުރި އެޕާޓްމަންޓްތަކަކީ އެއް ކޮޓަރީގެ 16 އެޕާޓްމަންޓަކާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) ގެ 16 އެޕާޓްމަންޓެކެވެ. އެ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ހަމައަށް ފުރުސަތު ސްޓެލްކޯއިން ވަނީ ހުޅުވާލާފަ އެވެ.

ސްޓެލްކޯގެ އެޕާޓްމަންޓްތަކަށް ކުރިމަތިލެވޭނީ އެކުންފުނީގައި ދެ އަހަރު ވަޒީފާ އަދާކޮށްފައިވާ މުވައްޒަފުންނަށެވެ.

ކުރީގެ ވެރިކަމުގައި ސަރުކާރުގެ އެކި ކުންފުނިތަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓް އެޅުމުގެ މަސައްކަތް ފެށި އެވެ. ސްޓެލްކޯގެ ދެ ޓަވަރުގައި ހިމެނެނީ 360 ފްލެޓެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓްތަކެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސްޓެލްކޯއިން ތަރައްގީ ކޮށްފައިވާ ޓަވަރުތަކުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މިހާރު ކުރަމުން އަންނަނީ އެފުލެޓްތަކަށް ކަރަންޓް ދިނުމުގެ މަސައްކަތެވެ.