ޓޫރިޒަމް ދާއިރާއިން ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑް، "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ އެވެ.

މި އެވޯޑް ރާއްޖެއަށް ލިބުނުކަން އިއުލާން ކޮށްފައި ވަނީ ރޭ ވާޗުއަލްކޮށް ބޭއްވި "ވޯލްޑް ޓްރެވަލް އެވޯޑްސް 2020"ގެ ގްރޭންޑް ފިނާލޭ ހަފްލާގަ އެވެ.

ރާއްޖެއަށް މި އެވޯޑް ލިބުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ މިހާލަތުގައި ރާއްޖެއަށް މި އެވޯޑް ލިބުމަކީ، ރާއްޖެއަކީ ޓޫރިޒަމް ރައްކާތެރި މަންޒިލެއްކަން ކަށަވަރުކުރުމަށް ޓޫރިޒަމްގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތް ހާމަވި ކަމެއް ކަމަށެވެ.

މި އަހަރުގެ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ލިބުނުއިރު މިއީ މި އެވޯޑް ރާއްޖޭގެ ޓޫރިޒަމްގެ ދިގު ތާރީހުގައި ލިބުނު ފުރަތަމަ ފަހަރެވެ. މި އެވޯޑް ރާއްޖެއަށް ލިބުނީ ދުނިޔޭގައި ޓޫރިޒަމަށް މަޝްހޫރު 22 މަންޒިލަކާ ވާދަކޮށްގެންނެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ސްރީލަންކާ، ދުބާއީ، މެލޭޝިއާ، ސްޕެއިން، ގްރީސް، އެމެރިކާ، މިއާމީ ފަދަ މަޝްހޫރު މަންޒިލްތައް ހިމެނެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް 2020ގެ ގްރޭންޑް ފިނާލޭ ހަފްލާގައި ވާޗުއަލްކޮށް ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ވޯލްޑް ލީޑިން އެވޯޑް ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ކޮވިޑް-19 ގެ މިހާލަތުގައި މި އެވޯޑް ރާއްޖެއަށް ލިބުމަކީ ރާއްޖެއަށް ޓޫރިޒަމްގެ ދާއިރާއިން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ވެސް އޭނާ ވަނީ ފާހގަަކުރައްވާފަ އެވެ. އަދި ރާއްޖެއަށް ވޯޓުލި އެންމެހައި ފަރާތްތަކާއި، ޓްރެވެލް އިންޑަސްޓްރީގެ ހުރިހައި ޕާޓްނަރުންނަށް މި އެވޯޑް ރާއްޖެއަށް ހޯދައިދިނުމަށް ކުރެއްވި ބުރަ މަސައްކަތައް ތައްޔިބު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއާ ސަރަހައްދުގެ ހަތަރު އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ ކަނޑުގެ ލީޑިން ބީޗް ޑެސްޓިނޭޝަން، ލީޑިން ކްރޫޒް ޑެސްޓިނޭޝަން، ލީޑިން ޑެސްޓިނޭޝަން އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވެ. މީގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުން ރާއްޖޭގެ ރިސޯޓްތަކާއި ހޮޓެލްތައް އިތުރު 18 އެވޯޑެއް ވެސް މިއަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްގައި ވަނީ ހޯދާފަ އެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ ޓޫރިޒަމް ދާއިރާއާއި ދަތުރުފަތުރާއި މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ގައުމުތަކުގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި 1993 ވަނަ އަހަރު ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.