ވޮޝިންޓަން (06 ޖުލައި) - ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ ބައެއް ބޮޑެތި އިގްތިސާދުތައް ރިސެޝަންއަށް ދިއުމުގެ ބިރު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ދުނިޔޭގެ އިގްތިސާދު ދިރާސާކުރާ ނޮމޫރާ ހޯލްޑިންގްސްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ދިރިއުޅުމުގެ ހަރަދުތައް މަތިވުމާއި ސަރުކާރުތަކުގެ އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދުތައް ނުރައްކަލަށް ހުށައެޅިފައިވާ ކަަމަށެވެ.

އެގޮތުން ރިސެޝަނަށް ދާނެ ގައުމުތަކުގެ ގޮތުގައި ނޮމުރޯއިން ފާހަގަކޮށްފައިވަނީ އިނގިރޭސިވިލާތް، ޖަޕާން، ދެކުނު ކޮރެއާ، ކެނެޑާ އަދި އެމެރިކާ އެވެ.

ކަން މިހެން އޮތް ނަމަވެސް ސެންޓްރަލް ބޭންކުތަކުން އިންފްލޭޝަން ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްފި ނަމަ އަދިވެސް ހާލަތު ރަނގަޅުވެދާނެ ކަމަށް އެރިޕޯޓުގައި ބުނެފައިވެ އެވެ.

"ކުރިއަށް އޮތް ތަނުގައި އިންފްލޭޝަން މަތިވުމުގެ ސަބަބުން ދިރިއުޅުމުގެ ހަރަދު މަތިވާނެ، ނަމަވެސް މުސާރަތަކަަށް ބަދަލެއް އަންނާނެ ކަމަށް ލަފައެއް ނުކުރެވޭ،" އެ ރިޕޯޓުގައިވެ އެވެ.

މި ގައުމުތަކުގެ ތެރެއިން ރިސެޝަންގެ އަސަރު އެންމެ ބޮޑަށް ކުރނެ ގައުމުތަކުގެ ގޮތުގައި ޖަޕާނާއި ކެނެޑާވާއިރު އެންމެ ކުޑަކޮށް އެ އަސަރު ކުރާނީ ޗައިނާއަށެވެ. -- ދަ ސްޓްރެއިޓް ޓައިމްސް