ލަންޑަން (06 ޖުލައި) - އިނގިރޭސިވިލާތުގެ އިގްތިސާދު ހީނަރުވެ ރިސެޝަންއަކަށް ހިނގައިދާނެކަމުގެ އިންޒާރު އެ ގައުމުގެ ގައުމީ ބޭންކް ބޭންކް އޮފް އިންގްލެންޑުން ދީފި އެވެ.

އެ ބޭންކުން ބުނެފައިވަނީ މިއަހަރު ފެށުނީއްސުރެ މުޅި ދުނިޔޭގެ އިގުތިސާދު ދައުރުވަމުން އަންނަ ގޮތަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު އިނގިރޭސި އިގްތިސާދަށްކުރުން ގާތް ކަމަށެވެ.

އެގޮތުން ބޭންކް އޮފް އިންގްލޭންޑުން ވަނީ އެބޭންކުގެ އެންމެހާ ކަސްޓަމަރުންނާއި އެގައުމުގެ އެހެން ބޭންކުތަކުން ވެސް މިފަަދަ ހާލަތަކަށް ތައްޔާރުވެ ތިބުމަށް އަންގާފަ އެވެ.

"ދުނިޔޭގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެކަމުގެ އަސަރު ބޮޑުވާނެ،" ބޭންކް އޮފް އިންގްލޭންޑުން ބުނެ އެވެ.

އިންފްލޭޝަން މަތިވުމާއި އިންޓްރެސްޓް ރޭޓްތައް މަތިވުމުގެ ސަބަބުން އިގުތިސާދުގައި ފައިސާ ދައުރުވުން މަދުވާނެ ކަމަށާއި އެހެން ކަމުން އިތުރު އިންވެސްޓްމަންޓްތައް ހަދާއިރު އެކަމަށް ސަމާލުވުމަށް އެ ބޭންކުން ލަފާދީފައިވެ އެވެ.

ބީއޯއީއިން އިތުރަށް ބުނީ 2022 އަހަރު އެގައުމުގެ މާލީ އިވެލުއޭޝަން ހަދަން އަންނަ ސެޕްޓެމްބަރު މަހު ފަށާނެ ކަމަށާއި އޭގެ ނަތީޖާ އަންނަ އަހަރު ލިބޭނެ ކަމަށެވެ. -- ރޮއިޓާސް