ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

އެ އެއާލައިނުން ބުނީ އަންނަ މަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް އެއާލައިނުން އިތުރު ތިން ދަތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެ ބަދަލު ގެންނައިރު، އެ ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިންގް 300-777 މަރުކާގެ ދެ މަތިންދާ ބޯޓާއި، ބޮއިންގް 8-787 މަރުކާގެ އެއް ބޯޓު ކަމަށް އެ އެއާލައިނުން ބުންޏެވެ.

ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރީ ދާދި ފަހު އެ އެއާލައިނުން ރާއްޖެއާ ދެމެދު ޓްރެވެލް ބަބްލް އެއް ގާއިމުކޮށް އޭގެ ޕެކޭޖްތައް ތައާރަފު ކުރުމަށް ފަހު އެވެ. މި ޕެކޭޖުގައި އަންނަ ޑިސެމްބަރު މަހުން ފެށިގެން ދަތުރު ކުރެވޭނެ ކަމަށް ގަތަރު އެއާވޭސް އިން ބުނެފައިވެ އެވެ.

އެ އެއާލައިން ބުނެފައިވަނީ، މިހާރު ގާއިމު ކޮށްފައިވާ ޓްރެވެލް ބަބުލްގެ ތެރެއިން ރައްކާތެރިކަމާއެކު ރާއްޖެ އައިސް ޗުއްޓީ ހޭދަ ކޮށްލުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. މި ޕެކޭޖުގެ ތެރެއިން ދަތުރުކުރާ ފަރާތްތައް އަނބުރާ ގައުމަށް ދިއުމާއެކު ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް ވެސް ގަތަރުން ބުނެފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މިދިޔަ ހަފުތާގައި އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގެ 15 ސަރަހައްދަކާއި ރާއްޖެ ވަނީ އަލުން ގުޅުވާލެވިފަ އެވެ. އަދި މިހާރު ވެސް 15 އަށް ވުރެ ގިނަ އެއާލައިން ހަރަކާތްތެރި ވަމުންދާ ކަމަށް ވެސް ވީއައިއޭއިން ބުނެފައިވެ އެވެ.