ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަދަދު މިއަދު ރިކޯޑް މިންވަރަކަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނިން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޑޮމެސްޓިކް ޓްރެފިކް ނުވަތަ އެތެރޭގެ އުދުހުންތަކުގައި މިއަދު 125 ފްލައިޓް ދަތުރުކޮށްފައިވާ ކަމަށާއި، މިއީ ރެކޯޑެއް ކަމަށް އެކުންފުނިން ބުންޏެވެ. އަދި ވެލާނާ އިންޓަނޭޝަނަލްގެ ޑޮމެސްޓިކް ޓާމިނަލުން 3،300 އަށްވުރެ ގިނަ ފަސިންޖަރުން ރާއްޖޭގެ އެކި މަންޒިލްތަކަށް ދަތުރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޗުއްޓީ ދުވަސްވަރު ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބާރުބޮޑުވެފައިވާއިރު، ފަސިންޖަރުންނަށް ވީހާވެސް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ. އަދި މި އީދު ޗުއްޓީގައި ފަސިންޖަރުންގެ އެއްބާރުލުމާއި އެހީތެރިކަން ވީހާ ވެސް ބޮޑަކަށް ދިނުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެއާޕޯޓުގެ އޮޕަރޭޝަންތައް ވީހާވެސް ފަސޭހަކޮށް، ޓާމިނަލްތަކަށް އޮންނަ ބާރު ކުޑަކުރުމުގެ ގޮތުން ފްލައިޓް ފުރުމަށް ހަމަޖެހިފައިވާ ގަޑީގެ، ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކުރެ އެވެ.

އެ ކުންފުނިން ބުނީ އެއާޕޯޓުގެ ކިއުތައް ދިގުވުމުގެ ސަބަބުން ފްލައިޓު ޑިލޭތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ފްލައިޓު ފުރުމަށް ހަމަޖެހިފައިވާ ގަޑީގެ ކުރިއަށް ވަގުތު އޮތްވާ އެއާޕޯޓަށް ދިޔުން މުހިންމު ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

ކޮވިޑުގެ މި ހާލަތުގައި ދަތުރުކުރާ މީހުން މާސްކު ބޭނުން ކުރުމަށާއި، އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް އަމަލުކުރުމަށް ވެސް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސްކޫލް ބޮޑު ޗުއްޓީ މިހާރު ފެށިފައިވާއިރު، ކުރިއަށް އޮތީ ބޮޑު ޢީދު ޗުއްޓީ އެވެ. މިއަހަރުގެ ބޮޑު އީދާ ގުޅިގެން ސަރުކާރު އޮފީސްތައް އެއް ހަފްތާއަށް ބަންދުވެ އެވެ.