މީމު އެއާޕޯޓްގެ ރަންވޭ އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މީމު އެއާޕޯޓް ތަރައްގީ ކުރަމުން އަންނަނީ މ. މުލީގަ އެވެ.

މި މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ ރަންވޭ އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ރަންވޭ އެޅުމަށް 14 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ ޕްރޮޖެކްޓްގެ މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ވަނީ އެއާޕޯޓް ފަޔާ ބިލްޑިންގެ ކޮންސްޓަރަކްޝަން މަސައްކަތް ވަނީ ނިމިފަ އެވެ. އަދި ޓާމިނަލްގެ ފައުންޑޭޝަންގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

މީމު އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓިސީސީން ބުނެ އެވެ.

މީމު އެއާޕޯޓް ތަރައްގީ ކުރުމަށް އެމްޓީސީސީއާއި ހަވާލުކުރީ 2021ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ކުރީކޮޅުން ފެށިގެން ދަނީ ކުރަމުންނެވެ.

ސަރުކާރުން އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓުގެ ދަތުރެއްކޮށް ދެވޭހާ ކައިރީގައި އެއާޕޯޓެއް އޮތުމެވެ.