އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައެޅި ދައުލަތުގެ ބަޖެޓް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މާދަމާ ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށް އެޖެންޑާކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތުން ހުށައެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ކޮމިޓީ މަރުހަލާގައި ވަނީ 200 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ. އެހެންކަމުން ބަޖެޓް ދިރާސާކޮށް ނިންމާއިރު ބަޖެޓްގެ ޖުމްލަ ޢަދަދު ވަނީ 34.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ހަރަދުގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 17.8 ބިލިއަން ރުފިޔާއަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ހުށަހަޅައިފަ އެވެ. އާމްދަނީ އިތުރު ކުރަން ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތަކުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 1.2 ބިލިއަން ރުފިޔާ އިތުރު ކޮށްގެން ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އިން އިތުރު ކުރުމަށެވެ. ބައެއް މިނިވަން މުއައްސަސާތަކުގެ ބަޖެޓު އިތުރުކޮށްފައިވާއިރު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ބަޖެޓަށް ދެ މިލިއަން ރުފިޔާ އިތުރުކުރުމަށް ކޮމިޓީން ނިންމާފައިވެ އެވެ.

ކޮމިޓީން ގެނައި ބަދަލުތަކުން ވަނީ ބަޖެޓް ޑެފިސިޓް ވެސް ދަށްކޮށްފަ އެވެ. އެގޮތުން ބަޖެޓް ޑެފިސިޓް 15.5 ބިލިއަނުން 12.3 ބިލިއަން ރުފިޔާއަށް ތިރިކޮށްފައިވާކަން ފާހަގަކުރެވެ އެވެ. އަދި އާމްދަނީ ލިބޭނެ މަގު އިތުރަށް ފަހި ކުރުމަށްޓަކައި ޓޫރިޒަމް ގާނޫނަށް އިސްލާހުތަކެއް ވަނީ ހުށައަޅާފަ އެވެ.

އެގޮތުން ޓޫރިޒަމުން ލިބޭ އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އިތުރު ކުރުމާއި އާ ކަންތައްތަކުގެ ތެރެއިން ބިން ވިއްކައިގެން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ، އެއް ބިލިއަނަށް އިތުރު ކުރުމަށް ހިމަނާފައިވެ އެވެ.

ބަޖެޓަށް ކޮމިޓީން ގެނައި އިސްލާޙުތަކާ ގުޅިގެން އިދިކޮޅުންވަނީ ވަރަށް ބޮޑަށް މިކަމަށް ފާޑުކިޔާފަ އެވެ. އެގޮތުން އަނެއްކާ ވެސް އާމްދަނީ ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ކަންކަން ހިމަނާފައިމިވަނީ "މިރެކަލް"އަކުންތޯ އިދިކޮޅު މެމްބަރުން ވަނީ ސުވާލު އުފައްދާފަ އެވެ. އެގޮތުން ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވާއިރު، އިންވެސްޓަރުންގެ އިތުބާރު އޮންނާނެތޯ ވަނީ ސުވާލު އުފައްދާފަ އެވެ.

ބަޖެޓް ބަހުސް ނިމިގެން ދިޔައިރު އެމްޑީޕީގެ މެމްބަރުންގެ މެދުގައިވެސް ބަޖެޓާމެދު ވަނީ ޚިޔާލު ތަފާތުވެފަ އެވެ. އެގޮތުން ގިނަ މެމްބަރުން ތަކެއް ބަޖެޓަށް ފާޑުވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އެމަނިކުފާނުގެ ދާއިރާގެ ގޮނޑީގައި އިންނެވިނަމަ ސަރުކާރުން ހުށައެޅުއްވި ގޮތަށް ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބަޖެޓުގެ ދަރަނި ބޮޑުވެފައިވަނީ ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ކަމަށް ރައީސް ނަޝީދާއި އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ މިއީ މިހާލަތުގައި ހުށައެޅޭނެ އެންމެ ފުރިހަމަ ބަޖެޓް ކަމަށާއި ބަޖެޓް ފާސްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.