މާލޭގައި ބާއްވަން ނިންމި ނައިޓްމާކެޓް ދެން ބާއްވާނީ ކޮވިޑް ކޭސްތައް ކޮންޓްރޯލުކުރެވި، ކޭސްތައް މަދުވުމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުއިއްޒު މިހެން ވިދާޅުވީ މާލެ ސިޓީގައި ނައިޓްމާކެޓެއް ބޭއްވުމަށް ސިޓީ ކައުންސިލުން އިއުލާނުކުރުމުން ގިނަ ބަޔަކު އެކަމަށް ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.

ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލުން އިންތިޒާމުކުރާ ނައިޓް މާކެޓް ރާވައި، ހިންގާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންވެ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 20 ކުރިން އެ ކައުންސިލަށް ޕްރޮޕޯޝަލް ހުށަހަޅަން އެދިފައިވެ އެވެ.

މި މާކެޓް ބާއްވަނީ ކިހާ މުއްދަތަކަށް ކަމެއް އަދި ކޮން ދުވަހަކު ކަމެއް ކައުންސިލުން އަދި ނުބުނެ އެވެ.

މިކަމާ ގުޅިގެން މޭޔަރު މުއިއްޒު ވިދާޅުވީ ނައިޓް މާކެޓް ބާއްވަން އިއުލާންކުރި ނަމަވެސް ނައިޓް މާކެޓް ބާއްވާނީ މާލޭގައި ކޮވިޑް ކޮންޓްރޯލްވެ، ކޭސްތައް ހުރި މިންވަރަށް މަދުވުމުން ކަމަށެވެ. އަދި މިދުވަސްވަރު ހަލުވިކަމާއެކު ފެތުރެމުންދާ ޑެންގޫ ހުމާއި، އެނޫން ވެސް ބަލިތައް މަދުވުމުން ނޫނީ ނައިޓް މާކެޓް ބޭއްވުމަކީ ސިޓީ ކައުންސިލުން ބޭނުންވާ ގޮތެއް ނޫންކަމަށް މުއިއްޒު ވިދާޅުވި އެވެ.

އާ އަހަރާ ދިމާކޮށް، ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވެސް މާލޭގައި ނައިޓް މާކެޓެއް ބާއްވައިފަ އެވެ.