މިފަހަރުގެ އީދު ބަންދާ ދިމާކޮށް މޯލްޑިވިއަނުން އިތުރުކުރި ފްލައިޓްތަކާއެކު 42،000 ފަސިންޖަރުން ދަތުރުކުރާނެ ކަމަށް ބުނެފި އެވެ.

ސްކޫލް ބޮޑު ބަންދު ދުވަސްވަރާއި އީދު ބަންދު ބަންދަށް އެތެރޭގެ ދަތުރުތަކަށް ބާރުބޮޑުވުމާ ގުޅިގެން މޯލްޑިވިއަނުން ވަނީ އެ ކުންފުނީގެ ދަތުރުތަކުގެ އަދަދު ވެސް އިތުރުކޮށްފަ އެވެ.

ސަރުކާރުން ހިންގާ އެ އެއާލައިނުން ވަނީ 26 ޖޫން އިން ފެށިގެން 10 ޖުލައިގެ ނިޔަލަށް ފަސިންޖަރުންގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ފްލައިޓްތައް އިތުރުކޮށްފަ އެވެ.

މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ އީދު ބަންދަށް ރަށްރަށަށް ދާން ބޭނުންވާ ގިނަ ބަޔަކަށް ޓިކެޓް ނުލިބޭ ކަމުގެ ޝަކުވާ ލިބުމާ ގުޅިގެން އެ އެއާލައިންގެ ދަތުރުތައް އިތުރުކޮށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދީފައިވާ ކަމަށެވެ.

"މިދިޔަ މަހުގެ 26 ން އަންނަ މަހުގެ ދިހައަކާ ދެމެދު ފްލައިޓްތައް އިތުރުކުރީ. މިދޭތެރޭގައި އަޅުގަނޑުމެންނާއިއެކު ދަތުރުކުރާނެ ގާތްގަނޑަކަށް 42،000 ފަސިންޖަރުން. މިހާރު ބުކިން ހެދި ޓިކެޓް ގަނެވިފައި އެބަތިބި މިހާ ފަސިންޖަރުންނަށް،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަނުން ރާއްޖޭގެ 14 މަންޒިލަކަށް ދަތުރުކުރެ އެވެ. މީގެ ތެރެއިން ބައެއް މަންޒިލްތަކަށް ދުވާލަކު 6 ފްލައިޓް އަދި 7 ދަތުރުކުރު އެވެ. އޭގެތެރޭގައި ކާޑެއްދޫ، ކައްދޫ، ކޫއްޑޫ، މާފަރު، އިފުރު އަދި ހަނިމާދޫ ފަދަ މަންޒިލްތައް ހިމެނެ އެވެ.

އެ އޮފިޝަލް ވިދާޅުވީ މޯލްޑިވިއަނުން އީދު ބަންދާ ދިމާކޮށް ދަތުރުތައް އިތުރުކުރީ އެންމެ މަދުން ދަތުރުކުރަން ޖެހޭ ރަށްތަކަށް ކަމަށެވެ. އެގޮތުން ހޯރަފުށި ތިމަރަފުށި ކުޅުދުއްފުށި އަދި އައްޑޫއަށް ވެސް އީދު ބަންދުގައި ދަތުރުތައް އިތުރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގެ ފްލީޓުގައި 22 މަތިންދާބޯޓު އޮވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 11 ސީ ޕްލޭން، އެއާ ބަސް 321ގެ އެއްބޯޓާއި އެއާ ބަސް 320 ގެ އެއްބޯޓު އަދި ޑޭޝް 8 ގެ 9 ބޯޓެވެ.