އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާއި ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން އުފެއްދި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ދަރިވަރުންގެ އުދުހުންތައް އިއްޔެ ފަށައިފި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން އޭވިއޭޝަން އެކަޑަމީ ހިންގުމުގެ ހުއްދަ ދޫކޮށްފައި ވަނީ މި މަހުގެ ތިންވަނަ ދުވަހުގަ އެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީއިން ބުނީ ފްލައިން ސްކޫލްގެ ދަރިވަރުންގެ އުދުހުމުގެ ތަމްރީނުތައް އަހަރެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު އިއްޔެ އަލުން ފަށާފައިވާ ކަމަށެވެ.

އައިއޭއެސް އިން ބުނީ އުދުހުމެގެ ތަމްރީނުތައް ފުރަތަމަ ފުރިހަމަކުރާނީ ސްރީ ލަންކާގެ އޭއޭއޭ ކުންފުނިން އައްޑޫގައި ހިންގި ފްލައިން ސްކޫލް ބަންދުކުރުމުން ކިޔެވުން ނުނިމި ތިބި 150 ދަރިވަރުންގެ ތެރެއިން ރީފްރެޝާ ތިއަރީ ކްލާސްތަކުގެ 150 ގަޑިއިރު ފުރިހަމަކުރި 35 ދަރިވަރުން ކަމަށެވެ.

ރީފްރެޝާ ޕްރޮގުރާމް ނިންމި ފުރަތަމަ ބެޗުގެ އުދުހުންތައް ފަށާފައިވާއިރު، ދެވަނަ ބެޗުގެ ރީފްރެޝާ ޕްރޮގްރާމް މިހާރު ފަށާފައިވާ ކަމަށް އައިއޭއެސް އިން ބުނެއެވެ. ދެވަނަ ބެޗުގައި 39 ދަރިވަރަކު ހިމެނެއެވެ.

އައިއޭއެސް އިން ބުނީ، އުއްމީދަކީ މިއަހަރުގެ ނިމުމުގެ ކުރިން ފުރަތަމަ ބެޗާއި ދެ ވަނަ ބެޗުގެ ދަރިވަރުންގެ ފްލައިން ނިންމުން ކަމަށެވެ. އަދި ތިން ވަނަ ބެޗުގެ ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމް މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ބުންޏެވެ.

އޭވިއޭޝަން އެކަޑަމީގެ ކިޔެވުން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގަ އެވެ.

އޭވިއޭޝަން އެކަޑަމީ އެކުލަވާލީ އައްޑޫ ފްލައިން ސްކޫލް އޭރު ހިންގު އޭއޭއޭގެ މައްސަލަތައް ބޮޑުވެ، ބޮއްސުންލައިގެން ދިއުމުންނެވެ. އެތަނުގެ މައްސަލަތަކާ ހުރެ ދަރިވަރުންނަށް މުއްދަތަށް ކޯސް ފުރިހަމަ ނުކުރެވުމާ އެކު، ކިޔެވުމަށް ނެގި ލޯނު ހުސްވެ ދަރިވަރުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި އެވެ.

އައްޑޫ ފްލައިން ސްކޫލް ހިންގަން އޭއޭއޭ އާ އެކު ވެފައިވާ އެއްބަސްވުން ސަރުކާރުން އުވާލި އިރު، އޭއޭއިން ކިޔަވަމުން އައި ދަރިވަރުންގެ ތެރެއިން ޕައިލަޓް ޓްރޭނިންގެ އެންމެ ފަހު މަރުހަލާގައިވާ ގިނަ ދަރިވަރުންތަކެއް ތިއްބެވެ.