ކަރަންސީ ސްވޮޕުގެ ގޮތުގައި އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިޔާއިން މިދިޔަ އަހަރު ރާއްޖެއަށް ދިން 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަންނަ އަހަރު ދައްކަން ޖެހިދާނެ ކަމަށް ރައްޔިތުން މަޖިލިހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން އެކުލަވައިލި ބަޖެޓް ރިޕޯޓުގައި ބުނެފި އެވެ.

ރައްޔިތުން މަޖިލިހުގެ ޖަލްސާގައި ބަޖެޓް ރިޕޯޓް މިއަދު އިއްވަވަމުން ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ އިންޑިއާގެ ރިޒާވް ބޭންކާއެކު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ރާއްޖެއަށް މިހާތަނަށް 150 މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ. އަދި އެ ފައިސާއަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެއް ކަމެއް ނުވަތަ އެއީ ލޯނެއްކަން ކަށަވަރުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް އެއީ ހިލޭ އެހީއެއް ކަމުގައި ކުރިން މައުލޫމާތު ލިބިފައިވޭ. އަދި އެ ފައިސާ މިހާރުވަނީ އިންވެސްޓު ކުރެވިފައި ކަމަށްވޭ،" ނާޝިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރަށް އެ ފައިސާ ރޯލްއޯވާކޮށްފައިވާ ކަމަށެވެ. އަދި އަންނަ އަހަރަކީ އެ ފައިސާ ދައުލަތުން އަނބުރާ ދައްކަންޖެހޭ އަހަރު ކަމަށްވާތީ މި ފައިސާ ދައްކަން ޖެހުމަކީ ސަރުކާރަށް އިތުރު ބުރައަކަށްވާނެ ކަމެއް ކަމަށް ނާޝިޒް އިއްވި ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ ކޮމިޓީން ނިންމީ އެ ފައިސާއާ ގުޅޭ ގޮތުން އިންޑިޔާ ސަރުކާރު އަދި އިންޑިޔާގެ މަރުކަޒީ ބޭންކާ މަޝްވަރާކޮށް އެކަށީގެންވާ ރަނގަޅު ހައްލެއް ހޯދުމަށް ފިނޭންސް މިނިސްޓްރީގައި ދެންނެވުމަށެވެ.