ތިމާވެށި ރައްކާތެރިކުރުމަށްޓަކައި، އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިޔަފާރި ކުރާ މީހުންގެ އަތުން ޕްލާސްޓިކް އަދި ކަރުދާސް ކޮތަޅުގެ އަގު ނަގަން ނިންމައިފި އެވެ.

އެސްޓީއޯއިން ކުރި ޓުވީޓެއްގައި ވަނީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ވިޔަފާރި ކުރަން އަންނައިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ގެންނަން އާދަ ކުރުމަށް ބުނެފަ އެވެ.

އެސްޓީއޯއިން ޕްލާސްޓިކް ކޮތަޅެއް ވިއްކުމަށް ނިންމާފައިވަނީ 2.5 ރުފިޔާއަށެވެ. އަދި ކަރުދާސް ކޮތަޅެއް ނަމަ ދެ ރުފިޔާއަށް ކޮތަޅެއް ވިއްކަން އެސްޓީއޯއިން ނިންމާފައިވެ އެވެ.

އެސްޓީއޯއިން ގެނައި މި ބަދަލަށް އަމަލު ކުރަން ފަށާނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

ފާއިތުވި އަހަރުގައި ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމަށް ނިންމާފައިވާއިރު، މި ޓެކުހާއި ގުޅޭގޮތުން ސަރުކާރުން އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ޓެކްސް ވިޔަފާރިވެރިން، ކަސްޓަމަރުންގެ އަތުން ނަގަން ވަނީ ހަމަޖެހިފަ އެވެ.