ކޮވިޑްގެ ސަބަބުން ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފޯރުކޮށްދޭ އެހީގެ ދަށުން މިހާތަނަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އެހީވުމުގެ މަގުސަދުގައި އީޔޫއިން ވަނީ ދެ މިލިއަން ޔޫރޯގެ އެހީގެ ޕެކޭޖެއް ރާއްޖެއަށް ދީފަ އެވެ.

"އީޔޫ ސަޕޯޓް ފޯ އަ ރެޒިލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ނަމުގައި ދޫކުރާ މި އެހީއަކީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށްޓަކައި، ކުދި ވިޔަފާރިތަކަށާއި މެދުފަންތީގެ ވިޔަފާރީގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރާ އެހީ އެކެވެ.

މި އެހީ ދޫކުރަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހު އެވެ. ކުރިން އޮތްގޮތުން މި އެހީއަށް އެދުމުގެ އެންމެ ފަހު ތާރީޚަކީ މޭމަހުގެ 31 ވަނަ ދުވަހެވެ. ނަމަވެސް މިހާރު އެ ފުރުސަތު ވަނީ އަންނަ އޮގަސްޓް މަހުގެ 31 އަށް އިތުރުކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން މި އެހީ ދޫކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ އެވެ.

އެ ކޯޕަރޭޝަނުން މިމަހުގެ 11 ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އެހީގެ ދަށުން މިހާތަނަށް 13،078،540 ރުފިޔާގެ އެހީ ވަނީ ދޫކޮށްފަ އެވެ. މިއީ ޖުމްލަ 286 ގެސްޓްހައުސްއަކާއި 59 ސަފާރީއަކަށް ދޫކޮށްފައިވާ އެހީ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެފައި ވަނީ މި އެހީއަށް އެދި ހުށައެޅުމަށް ޝަރުތުހަމަވާ 47 ޕަސެންޓް ވިޔަފާރިތައް އަދިވެސް އެބަހުރި ކަމަށެވެ. މި އެހީއަށް އެދި ހުށަހެޅޭނީ ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކާއި، ސަފާރީތަކަށެވެ. މި އެހީއަށް އެދި ހުށައެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ޞައްހަ އޮޕަރޭޓިންގ ލައިސެންސެއް އޮވެ، 40 އެނދަށްވުރެ މަދުން އޮޕަރޭޓްކުރާ ފަރާތަކަށް ވުން ހިމެނެ އެވެ.

އެހީއަށް އެދި ހުށަހެޅުމުގެ މަރުހަލާ އެމްއެފްއެމްސީން ވަނީ ވަރަށް ފަސޭހަކޮށްދީފަ އެވެ. އެ އެޕްލިކޭޝަނާއެކު ހުށައަޅަން ޖެހޭނީ ހަމައެކަނި ގެސްޓްހައުސް ހިންގުމުގެ ލައިސަންސްގެ އިތުރުން އެއް މަސް ދުވަހުގެ ދިވެހި ރުފިޔާ އެކައުންޓުގެ ބޭންކު ސްޓޭޓްމަންޓެވެ. އެގޮތުން މަޢުލޫމާތު ފުރިހަމަ އެޕްލިކޭޝަންތަކަށް 14 ދުވަހުގެ ތެރޭގައި ފައިސާ ޖަމާކުރެ އެވެ.