އިޓަލީގެ ގައުމީ އެއާލައިން، އިޓަލިއާ ޓްރާންސްޕޯޓޯ އެއިރޯ އެއާވޭސް(އައިޓީއޭ) ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.

އައިޓީއޭއިން ބުނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އިޓަލީގެ ރޯމްއިން ވެލާނާ އިންޓަނޭޝަނަލަ އެއާޕޯޓަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިދަތުރުތައް އަންނަ އަހަރުގެ މާޗް މަހުގެ 26 ގެ ނިޔަލަށް ކުރާނެ ކަމަށް ވެސް އެ އެއާލައިން ބުނެ އެވެ.

މި ދަތުރުތަކުގައި ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.

ޑިސެމްބަރު މަހު ދަތުރުތައް ފަށައިގެން ޖަނަވަރީ 22 އާއި ހަމައަށް ކޮންމެ ހަފްތާއަކު ތިން ދަތުރުކުރާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ. އަދި އޭގެ ފަހުން މާޗް މަހާ ހަމައަށް ކުރާނީ ހަފްތާއަކު ދެ ދަތުރެވެ.

އައިޓީއޭއިން މިހާރުވެސް އަންނަނީ ބައިނަލްއަގުވާމީ 33 މަންޒިލަކަށް ދަތުރުކުރަމުންނެވެ.

އިޓަލީއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެކެވެ. އަދި ހާއްސަކޮށް އަހަރުގެ ފަހުކޮޅަކީ ޓޫރިސްޓުން ގިނައިން ރާއްޖެއަށް އަންނަ ހައި ސީޒަން ދުވަސްކޮޅެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިޓަލީއަކީ އަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. މިމަހުގެ ފަސް ވަނަ ދުވަހާއި ހަމައަށް އެ ގައުމުން ރާއްޖެއަށް 49،828 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.