ޖަރުމަނުގެ ކޮންޑޯ އެއާލައިންގެ ދަތުރުތައް އަންނަމަހުގެ 20 ގައި ރާއްޖެއަށް އަލުން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

އެ އެއާލައިނުން ވަނީ ފްރެންކްފަޓް ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރުމަށް ނިންމައިފަ އެވެ. އެގޮތުން ރާއްޖެއަށް ދަތުރު ކުރާނީ ކޮންމެ ހަފްތާއަކު އާދިއްތަ އަދި އަންގާރަ ދުވަހު އެވެ.

ކޮންޑޯއަކީ މީގެ ކުރިން ވެސް ރާއްޖެއަށް އާއްމުކޮށް ދަތުރުކުރާ އެއާލައިނެކެވެ. އެ އެއާލައިންގެ ދަތުރުތައް މެދުކަނޑާލީ ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމުން މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

ރާއްޖެއަށް ޖަރުމަނުގެ ލުފްތަންސާ އިން ދަތުރުތައް ބާއްވަމުންނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރާނީ ފްރެންކްފަޓް އިން ހަފްތާއަކު ދެ ދަތުރެވެ. އެއީ ކޮންމެ ބުދަ އަދި އާދިއްތަ ދުވަހު އެވެ.

ޖަރުމަނަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ މުހިންމު އެއް މާކެޓެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަނުން 3،523 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. ޖަރުމަންވިލާތަކީ ރާއްޖެއަށް ހަވަނައަށް އެންމެ ގިނަ އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލުމާއިއެކު މިހާތަނަށް ބައިނަލްއަގުވާމީ 14 އެއާލައިނަކުން އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. އަދި އަންނަ މަސް ނިމުމުގެ ކުރިން އިތުރު 10 އެއާލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.