ރާއްޖެ ފަތުރުވެރިކަން އިތުރަށް އިސްތިހާރުކުރުމަށް މިއަހަރުގެ ކުރިއަށް އޮތް މަސްތަކުގައި 20 ހަރަކާތެއްގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.

އެމްއެމްޕީއާރުސީން ވަނީ ދުނިޔޭގެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިސްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެފަ އެވެ. އަދި އެ ކުންފުނިން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކޮށް ރާއްޖޭގެ ރީތިނަން ދަމަހައްޓާ ރާއްޖެއަކީ ކޮންމެ ފަންތިއެއްގެ ފަތުރުވެރިއަކު ވެސް އަންނަން ބޭނުންވާނެ މަންޒިލަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

ރާއްޖެ ޕްރޮމޯޓްކުރުމަށް އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައިވެސް އެމްއެމްޕީއާރުސީން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފަ އެވެ. އެގޮތުން މިއަހަރު ކުރިއަށް އޮތް މަސްތަކުގައި އިތުރު 20 ހަރަކާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އަހަރުގެ ކުރިއަށްއޮތް ތަނުގައި އެމްއެމްޕީއާރުސީން ރާއްޖެ އިސްތިހާރުކުރުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު، އެމެރިކާ، ކެނެޑާ، ޕްރާންސް، ޖަޕާން، ސައުދީ އަރަބިއްޔާ، އަދި އިޓަލީ ހިމެނެ އެވެ. މީގެއިތުރުން ސްވިޒަލޭންޑް، ޖަރުމަނުވިލާ، އިނގިރޭސިވިލާތް، ސްޕެއިންގައިވެސް އަހަރުގެ ކުރިއަށް އޮތްތަނުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް އެމްއެމްޕީއާރުސީން ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އަށް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.