ސަރުކާރުގެ ކުންފުނިތަކެއް ޕްރައިވެޓައިޒްކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމެނުމުން، ގައުމީ އެއާލައިންގެ ހިއްސާ ވިއްކާލަން އުޅޭކަމަށް އަޑު ފެތުރިނަމަވެސް އެކަމާ ބެހޭ ގޮތުން މިހާތަނަށް ސަރުކާރުން އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ބުނެފި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓް އައިލެންޑް އޭވިއޭޝަން މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ "ހުރިހާ"އަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ކޮވިޑާ ގުޅިގެން މިއަހަރު އެ ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިވި ނަމަވެސް މިދިޔަ އަހަރު ވެސް އައިއޭއެސްއަށް ފައިދާވި ކަމަށެވެ.

"މި ކުންފުންޏަކީ ގެއްލުމުގައި ހިންގާ ކުންފުންޏެކޭ ނުބުނެވޭ. ކޮވިޑާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކުގެ އެއާލައިންތަކަށް ވެސް ކުރިމަތިވި ގެއްލުން މި ކުންފުންޏާ ވެސް ކުރިމަތިލާން ޖެހުނު،" އޭނާ ވިދާޅުވި އެވެ.

ރިޒްވީ ކޮވިޑާ ގުޅިގެން ދިމާވި ބަލިމަޑުކަމުން އެނގިވަޑައިގެންނެވި އެންމެ ބޮޑު އެއްކަމަކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހިދުމަތް ދޭން ސަރުކާރުގެ އެއާލައިނެއް އޮންނަން ޖެހޭކަން ކަމަށެވެ.

"ސަރުކާރުގެ އެއާލައިނެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް. މި ޕެންޑަމިކް ތެރޭގައި ބޭރުން ގެންނަން ޖެހުނު ވަރަށް ގިނަ މެޑިކަލް ސާމާނު އުފުލައިދިނީ މި އެއާލައިނުން. އޭގެ އިތުރުން ރާއްޖެއިން ބޭރުން މޭވާ އާއި ތަރުކާރީ އަދި އެނޫން ވެސް މުދާ މެދުނުކެނޑި އުފުލަމުން ގެންދިޔަ،" އޭނާ ވިދާޅުވި އެވެ.

ރިޒްވީ ވިދާޅުވީ ރޯދަމަސް ތެރޭގައި މާލެ ލޮކްޑައުންކޮށްފައި އޮތްއިރު ރައްޔިތުންނަށް ބޭނުންވާ ވަރަށް މޭވާ އާއި ތަރުކާރީ ނުލިބިގެން އުޅެން ނުޖެހުނު ކަމަށެވެ. އަދި ލޮކްޑައުންގެ ތެރޭގައި ރަށްރަށުން މާލެއަށް ބަލި މީހުން އުފުލުމާއި ކޮވިޑާ ގުޅިގެން ކުރަން ޖެހުނު ހުރިހާ ދަތުރެއް ވެސް އެ ކުންފުނިން ކޮށްދިންކަން މެނޭޖިން ޑިރެކްޓަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އެތަކެތި އެކި ތަންތަނުން ރާއްޖެއަށް ގެނެސްދިނުމުން އެއްވެސް ކަމެއް ދިމާވެގެން އުޅޭހެނެއް ރައްޔިތުންނަށް ހިއެއް ނުވޭ. އެކަމަކު ސަރުކާރުގެ ކޮންޓްރޯލް ނެތް ކުންފުނިތަކުން ދޭ ހިދުމަތެއް އަގު ވެސް ހެޔޮކޮށް ނުދިން. އެހެންވީމަ އެބަ އެނގޭ މި އެއާލައިންގެ މުހިއްމުކަން،" އޭނާ ވިދާޅުވި އެވެ.

ރިޒްވީ މިއަހަރުގެ ޖޫން މަހުން ފެށިގެން ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އެލަވަންސް ދެނީ ސީދާ ފިނޭންސް މިނިސްޓްރީން ކަމަށެވެ.

"މި ކުންފުނި މިއަހަރުގެ މިހާތަނަށް ވެސް ހިންގުނީ ސަރުކާރުން ހަރަދުކޮށްގެން. އަޅުގަނޑުމެންނަށް މިވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިވިއިރު ވެސް އެންމެ މުވައްޒަފަކު ވެސް ކަނޑައެއްނުލަން،" އޭނާ ވިދާޅުވި އެވެ.

ރިޒްވީ ވިދާޅުވީ ދަތުރުފަތުރުތައް ހުއްޓި، ރިސޯޓުތައް ބަންދުކުރުމުން ކުންފުންޏަށް ލިބޭ އާމްދަނީ އެއްކޮށް ހުއްޓުމުން ކުންފުނީގެ ހުރިހާ މުވައްޒަފުންގެ މުސާރަ އުނިކުރަން މަޖުބޫރުވި ކަމަށެވެ. އަދި ސަރުކާރުގެ ނިންމުމާ އެއްގޮތަށް އެއްވެސް މުވައްޒަފަކު ވަކިނުކޮށް ހުރިހާ މުވައްޒަފުންނަށް ވެސް މުސާރަ އާއި އިނާޔަތްތައް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ދިމާވެފައި ވަނީ ހިތަށް އެރިވަރުގެ ގެއްލުމެއް ވެސް ނޫން. މިކަމުން އަލުން އަރައިގަނެވޭނީ އަންނަ އަހަރު ވެކްސިން ލިބިގެން. މި ކުންފުނި ކޮޅަށް ޖެހޭނީ އަލުން ޓޫރިސްޓުން އުފުލައިގެން،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ދިމާވި ގެއްލުން އަންނަ އަހަރު ފޫބައްދަން އުނދަގޫވާނެ ކަމަށެވެ. ނަމަވެސް އަންނަ އަހަރު އެއް މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާތީ ފައިދާވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ ގެއްލުމާ ކުރިމަތިވިއިރު ކުންފުނީގެ ފްލީޓްގައި ބޭނުންކުރާ 98 ޕަސެންޓް ބޯޓަކީ އައިއޭއެސްގެ ބޯޓުތަކަކަށްވުމުން ވަރަށް ބޮޑު އެޑްވާންޓޭޖަކަށްވި ކަމަށެވެ.

"ބޮޑު ދެ ބޯޓާއި ސީޕްލޭންގެ އެއް ބޯޓު އަދި ޑޭޝްގެ ދެ ބޯޓު އެބައޮތް ޑްރައި ލީސްއަށް ގެނެސް. އެހެން ހުރިހާ ބޯޓުތަކީ މި ކުންފުނީގެ އަމިއްލަ ބޯޓުތަކަށް ވުމުން ވަރަށް ގިނަ ފައިސާ ސަލާމަތްކުރެވުނު،" ރިޒްވީ ވިދާޅުވި އެވެ.