Advertisement

ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓްތަކެއް ބަންދުކުރަނީ

FacebookTwitterWhatsAppTelegramViber

ރާއްޖޭގައި ހިންގާ ގިނަ އަދަދެއްގެ ރިސޯޓްތަކެއް ބަންދުކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި، ރ. އަތޮޅުގައި ހިންގާ ޔޫ އެންޑް މީ އާއި ލ. އަތޮޅުގައި ހިންގާ ރަހާ ރިސޯޓާއި ދ. އަތޮޅުގައި ހިންގާ ރިއު ހޮޓެލްސްގެ ދެ ރިސޯޓާއި ދ. އަތޮޅުގައި ހިންގާ ކޯމޯ މާލިފުއްޓާއި ގއ. ކޫއްޑޫގައި ހިންގާ މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓުގެ އިތުރުން، ގއ. ގައި ހިންގާ ރޮބިންސަން ކްލަބް މޯލްޑިވްސް އަދި ނ. ގައި ހިންގާ ރޮބިންސަން ކްލަބް ނޫނު މިހާރު ވަނީ ބަންދުކޮށްފަ އެވެ.

މީގެ އިތުރުން، ދ. އަތޮޅުގައި ހިންގާ ކަނޑިންމަ މޯލްޑިވްސް، ބ. އަތޮޅުގައި ހިންގާ އަމިއްލަ ފުށި އަދި ނޯޓިލަސް މޯލްޑިވްސް، އަދި ކ. އަތޮޅުގައި ހިންގާ ހުވަފެންފުށި މޯލްޑިވްސް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަންދުކުރަން ވަނީ ނިންމާފަ އެވެ.

ހަމަ އެއާ އެކު، ޓޫރިޒަމްގެ ވިޔަފާރި ކުރާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޔުނިވާސަލް ރިސޯޓްސްގެ ދަށުން ހިންގާ އަށް ރިސޯޓެއް ވެސް އަންނަ މަހުން ފެށިގެން ތިން މަސްދުވަހަށް ބަންދުކުރަން ވަނީ ނިންމާފަ އެވެ. އެއީ، ކުރުނބާ މޯލްޑިވްސް، ކުރަމަތި އައިލެންޑް ރިސޯޓް، ބަރޮސް މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، ފާރުފުށި މޯލްޑިވްސް، ދިގަލި މޯލްޑިވްސް، ކަނދޮޅު މޯލްޑިވްސް އަދި މިލައިދޫ މޯލްޑިވްސް އެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހިންގާ ރިސޯޓްތަކުގެ ތެރެއިން ޕެރަޑައިސް އައިލެންޑް ރިސޯޓް ފިޔަވައި އެހެން ހުރިހާ ރިސޯޓެއް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެއީ، ސަން އައިލެންޑް ރިސޯޓް، ރޯޔަލް އައިލެންޑް ރިސޯޓް އަދި ހޮލިޑޭ އައިލެންޑް ރިސޯޓެވެ. ކުރިން ވެސް މަރާމާތަށް ބަންދުކޮށްފައި އޮތް ވިލާގެ ފަން އައިލެންޑް ރިސޯޓް މިހާރު ވަނީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް ސަރުކާރަށް ދީފަ އެވެ.

މިއީ، މި ފަހުގެ ތާރީހެއްގައި މިހާ ގިނަ އަދަދެއްގެ ރިސޯޓް އެއްފަހަރާ ބަންދުކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން، މި ގޮތަށް ގިނަ އަދަދެއްގެ ރިސޯޓް އެއްފަހަރާ ބަންދުކޮށްފައި ވަނީ، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ތެރޭގައި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުއިކަމާ އެކު މިހާރު ފެތުރި އަދި ރާއްޖެ އިން ވެސް ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސް، ރާއްޖޭގެ އިގްތިސާދަށް ވެސް ވަރަށް ބޮޑު ހީނަރުކަމެއް ވަނީ އައިސްފަ އެވެ. ހާއްސަކޮށް، ރާއްޖޭގެ އެންމެ ބޮޑު ޓޫރިސްޓް މާކެޓް ކަމަށްވާ ޗައިނާ އަދި ދުވަސްވީ މާކެޓްތައް ކަމަށްވާ ދެކުނު ކޮރެއާ، އިޓަލީ، ފްރާންސް، ޖަރުމަނު އަދި އިނގިރޭސި ވިލާތުން އަންނަ ފްލައިޓްތަކާއި ޓޫރިސްޓުން ރާއްޖެ އައުން މަނާކުރުމާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅާބަލާއިރު، 22.8 އިންސައްތަ ވަނީ ދަށަށް ގޮސްފަ އެވެ. އަދި ޖެނުއަރީ 26 ވަނަ ދުވަހުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 161،740 ބެޑްނައިޓް ވަނީ ކެންސަލްވެފަ އެވެ.

މި އަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅާބަލާއިރު، 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. ކުރިން އަންދާޒާ ކޮށްފައި އޮތީ، މި އަހަރުގެ ފަތުރުވެރިކަން އަށް އިންސައްތަ ކުރިއަރާނެ ކަމަށެވެ.

މި އަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި ޖީޑީޕީ ކުރިއަރާނެ ކަމަށް ކުރިން ލަފާކޮށްފައިވީ ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގަ އެވެ.

ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅިގެން، ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުވާނެކަމަށް ލަފާ ކުރެވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެ ރިސެޝަނަކަށް ދާނެ ކަމުގެ ބިރު ވެސް އެ މަނިކުފާނު ވަނީ ފާޅުކުރައްވާފަ އެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލި ޖެހިފައިވާ 13 މީހަކު ރާއްޖެ އިން ފެނިފައިވާއިރު، އޭގެ ތެރެއިން ދެ މީހަކު ވަނީ ރަނގަޅު ވެފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top